English Edition
Dhivehi Edition

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމަވާފައިވާ ގޮތަށް 30 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ޚިދުމަތް ދޭނެ ކަމަށެވެ.

އެހެންނަމަވެސް ޢީދު ބަންދާ ގުޅިގެން 1 މޭ އިން 7 މޭ ގެ ނިޔަލަށް ބޭންކު ބަންދުވާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ 30 އޭޕްރީލް ވަނަ ދުވަހުގެ 11:00 ގެ ކުރިން ޖަމާކުރާ ޗެކްތަކާއި، ޕޭރޯލް ރިކުއެސްޓް، އަދި ފައިސާ ފޮނުވުމަށް އެދި ހުށަހަޅާ ހުށަހެޅުން (ޓީޓީ އާއި ލޯކަލް ޓްރާންސްފަރ ހިމެނޭހެން) އެ ދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 11:00 ގެ ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށް ވެސް ބުންޏެވެ.

“އަޅުގަނޑުމެން އެދެނީ ކަސްޓަަމަރުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ޚިދުމަތްތަކަށް އެދި ހުށަހެޅުއްވުމެވެ.” ބީއެމްއެލް އިން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައް ވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ވަނީ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ޚިދުމަތްތައް ހޯއްދެވުމަށް އެދިފައެވެ.