English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވިލިމާލެ ޑަބްލިއުޑީސީ އަށް ވާދަކުރާ އައިމިނަތު ޝީޒާގެ ކެމްޕެއިން ޖަގަހަ ހުޅުވައިފިއެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ކައިރީ، މަސްޖިދުލް ބިއްރި ކުރިމަތީގައި ހުންނަ މި ޖަގަހަ ހުޅުވައިދެއްވީ އެމްއެންޕީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމެވެ.

މި ރަސްމިއްޔާތުގައި ނާޒިމް އެމްއެންޕީ އުފެއްދީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި އެ ޕާޓީން އެކި އިންތިޚާބުތަކުގައި ވާދަކުރަނީ ވެސް އެފުރުޞަތު ހޯދުމަށް ކަމަށެވެ. އަދި މިހާތަނަށް އެފުރުޞަތު ތަނަވަސް ވެފައި ނުވަނީ އޮންނަ ސަރުކާރުގެ ނުފޫޒާއި ވާދަވެރި ފަރާތްތަކުގެ ނުރަނގަޅު އެޖެންޑާތަކުގެ ސަބަބުންކަމަށެވެ.

އެހެންނަމަވެސް އެމްއެންޕީން ކޮންމެ މަސައްކަތެއްވެސް ކުރާނީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެވެން އޮތް ކޮންމެ ފުރުޞަތެއް ހޯދުމަށް އެމްއެންޕީން ގަދަ އަޅާ މަސައްކަތް ކުރާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ޝީޒާ ވިދާޅުވީ އިޖުތިމާއީ މަސައްކަތްތަކުގައި އުޅޭތާ މިހާރުގާތްގަޑަކަށް ދިހަ ވަރަކަށް އަހަރު ވެދާނެ ކަމަށާއި މުޅިންވެސް އުޅެނީ އަމިއްލަ ގޮތުން ކަމަށެވެ. އެގޮތުން ވީލަސް އެންޖީއޯ އާއި ވިލިމާލެ ޔޫތު ސެންޓަރުގައާއި ސްކޫލަށް މިހާރު ކޮށްދެމުންދާ މަސައްކަތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

“އަޅުގަނޑު ކައިރީ ކޮންމެ ފަރާތަކުން އެދިލެއްވިޔަސް ސޯޝަލް ވޯކްސް، އަޅުގަނޑު އުފަލާއެކު އަޅުގަނޑަށް ވީވަރަކުން ކޮށްދެން މިހާރުވެސް. ސްކޫލުންވެސް ގޮވާލާ ކޮންމެ ފަހަރަކު އަޅުގަނޑު އެހީތެރިވަން.” ޝީޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝީޒާ ވަނީ ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކަށް ކުރިން ހުންނެވި އާމިނަތު އީނާޝް ވިލިމާލެއަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އާމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.