އައްޑޫސިޓީ ހިތަދޫގައި ޢުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އާމިންދައްތަ ގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލީ އެ މައްސަލައިގެ ތަޙުގީގަށް ބޭނުންވާވަރަށް ހެކި ލިބިފައި ނުވާތީ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން 2022 މާރޗް 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު އެމައްސަލަ އާއި ގުޅިގެން ޢުމުރުން 59 އަހަރުގެ އާމިންދައްތަ ހައްޔަރުގައި ބެހެއްޓުމަށްފަހު މައްސަލައިގެ ތަޙުގީގުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ އެންމެހާ ހެއްކާއި ޤަރީނާ އަދި މައްސަލައާއި ގުޅުންހުރި އެންމެހާ ލިޔެލިޔުންތަކާއެކު ޖިނާޢީ ދަޢުވާއެއް ކުރުމާމެދު ގޮތެއް ނިންމަވައި ދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭޕްރީލް 20 ވަނަ ދުވަހު ފުލުހުންވަނީ ހުށަހަޅުއްވާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ، މައްސަލައިގެ ތަޙުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަން ކުރުމަށްފަހު ޖިނާއީ ދަޢުވާއެއް ކޮށްގެން ކުށް ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށް ބަޔާން ކޮށް އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ.
ފުލުހުންގެ ބަޔާނުގައި ވާގޮތުން ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރު ކުރެވުނު އަންހެން މީހާގެ މައްޗަށް ދަޢުވާ ނުކުރުމަށް މިހާރުވަނީ ނިންމާފައެވެ. މިރޭގެ ވަގުތެއްގައި އެ އަންހެންމީހާ ދޫކޮށްލާފައިވާއިރު، މިމައްސަލާގައި އިތުރު ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭވަރުގެ ހެއްކެއް ލިބިފައިނެތްކަމަށް ފުލުހުންހާމަކުރެއެވެ.
ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހަކަށް އުޅޭ އުމުރުން 59 އަހަރުގެ އެ އަންހެން މީހާ، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރު ކުރީ ފުލުހުން އެގޮތަށް އެދިގެން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށައެޅުމުން އެ ކޯޓުންވެސް އެ އަމުރަށް ވަނީ ތާއީދުކޮށްފައެވެ.
މި އަންހެން މީހާ ހައްޔަރުކުރުމާއެކު އައްޑޫގެ ގިނަ ބަޔަކުވަނީ އޭނާ ހައްޔަރު ކުރީ ނުޙައްގުން ކަމަށް ބުނެ އަޑު އުފުލާ ސިލްސިލާ މުޒާހަރާތަކެއްކޮށްފައެވެ. އަދި ހަމައެހެންމެ އަންހެންމީހާ ދޫކޮށްލުމަށް އެދި އެކަމުގައި ހުރި ކަންބޮޑުވުންތަކާއެކު ، އެތައް ބައެއްގެ ސޮއި ހިމެނޭ ޕެޓިޝަނެއް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ވެސް ވަނީ ހުށަހަޅާފައެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީންވެސް ބަލަންފަށާފައިވާއިރު އެޗްއާރްސީއެމުންވެސް މިމައްސަލާއާއި ގުޅޭގޮތުން މަޢުލޫމާތު ހޯދާ އަދި މިކަމާއި ގުޅުންހުރި އިތުރު މައްސަލައެއް ބަލަމުން އަންނަ ކަންވަނީ ހާމަކޮށްފައެވެ.