ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އައްޑޫސިޓީން ހައްޔަރުކޮށްފައިވާ އާމިންދައްތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހިތަދޫ ކޯޓުން ކުރި ޙުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.
މިދިޔަ މާރޗް މަހުގެ 25 ގައި ފުލުހުން އާމިންދައްތަ ހައްޔަރުކުރީ ޢުމުރުން 6 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކޮށެވެ. ބަންދުގެ މުއްދަތު ޖެހުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެކޯޓުންވަނީ މިމައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ނެރެފައެވެ. އުމުރުން 59 އަހަރުގެ އާމިންދައްތަ ބަންދުގައި ބަހައްޓަން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ އަޑު އެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައި ހިތަދޫ ކޯޓުގެ އަމުރުގައި ގޯހެއް ނެތްކަމަށް ނިންމުމަށްފަހު އާމިންދައްތަ ބަންދުގައި ބަހައްޓަން ހައިކޯޓުންވަނީ ތާއީދުކޮށްފައެވެ.
އާމިންދައްތަ ބަންދުގައި ބަހައްޓަން ހައިކޯޓުން ތާއިދު ކުރިއިރު އޭނާ ބަންދުކުރުމާއި ދެކޮޅަށް އައްޑޫގައި ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.މިމުޒާހަރާތަކުގައި ޢާއްމުންދަނީ އާމިންދައްތަ ވަނީ ނުހައްގުން ހައްޔަރުކޮށްފައިކަމަށްބުނެ އޭނާ ބަންދުން ދޫކޮށްލުމަށް ގޮވާލަމުންނެވެ. މިމައްސަލައާއި ގުޅިގެން އެއްބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރަމުން އަންނަނީ ކުއްޖާ ދިރިއުޅޭ ގޭގެ ތެރެއިން ކުއްޖާއަށް ކުރިމަތިވި ކަމެއް ކަމަށެވެ. އެހެންކަމުން ކުޑަކުއްޖާއަށް ޖިންސީގޯނާކުރި ޙަގީގީ މީހުން ހިފާ ހައްޔަރު ކުރުމަށް މީހުން އަޑުއުފުލަމުން ދެއެވެ. .
މިމީހާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި އައްޑޫގެ ގިނަ ބަޔަކު ސޮއި ކޮށްފައިވާ ޕެޓިޝަންތަކެއްވެސް ކަމާގުޅޭ އިދާރާތަކަށް ވަނީ ހުށަހަޅާފައެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ވަޒީފާ އަދާ ކުރަމުން އައި މީހެކެވެ. ސްކޫލުގައި މަސައްކަތް ކުރާތާ ތިރީހަކަށް އަހަރުވެފައިވާ އެމީހާ ބަންދުކުރަންޖެހުނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ ކުއްޖާއަށް އެމައްސަލަ ދިމާވިކަން އެނގުނު ދުވަހު އެކުއްޖާ ފާޚާނާއަށް ގެންދިޔައީ އޭނާގެ ބެލުމުގެ ދަށުން ކަމަށް ވާތީއެވެ.
އެ މައްސަލާގައި އިތުރު މީހެއްގެ ޝާމިލުވުމެއް އޮތްތޯ ބެލުމަށް ފުލުހުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އޭގެ އިތުރުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އިން ވެސް އަންނަނީ ބަލަމުންނެވެ.
އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ޓީމަކުންވެސް މިހާރު ވަނީ ބައްދަލުކޮށްފައެވެ. އަދި އެއަންހެން މީހާގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.