English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ނިއުސް ކަރްނާޓަކާ

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އަސްލު ކުށްވެރިޔާ ހައްޔަރުކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އިން ބަޔާނެއް ނެރެފިއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ، އައްޑޫ ސިޓީ ހިތަދޫ ސްކޫލެއްގެ ތުއްތު ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތު ބޮލުގައި އަޅުވައި އެ ސްކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ އާމިން ދައްތަ ހައްޔަރުކޮށްގެން ގެންގުޅެނީ ކަމުގެ ޙަޤީޤަތް އޮޅުވާލާއި މުޅި މައްސަލަ އެހެން މިސްރާބަކަށް އަނބުރާލުމުގެ މަޤްސަދުގައި ކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ގެންދަނީ ބުނަމުން ކަމަށެވެ.

އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ތަޙުޤީޤުންވެސް ސާބިތުވެފައިވާކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ އެ ތުއްތު ދަރިވަރަށް ޖިންސީ ގޯނާ ކުރުމުގެ ޢަމަލު ހިންގާފައިވަނީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި އެ ދަރިވަރުގެ ޢާއިލީ ފަރާތެއްކަން ތަޙުޤީޤަށް އެނގެން އޮތް ކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ކަށަވަރުކޮށް ބުނަމުން ގެންދާކަމަށެވެ.

އެފަދަ ބޮޑު ތުހުމަތެއް ކުރެވިފައިވާ މީހަކު ހައްޔަރުނުކޮށް، މިނިވަންކަމާއެކު އުޅެން ދޫކޮށްލުމަކީ ޕީޕީއެމް އިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް އެ ޕާޓީން ބުނީ ޙުތިޖާޖުގެ ބައިވެރިންގެ އިޙުސާސްތަކާ ދެކޮޅު ހަދާ އިޙުތިޖާޖުގެ ބައިވެރިންނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން އެތައް އަނިޔާއެއް ދިނުމުގެ އިތުރުން، އެ ޢަމަލު ހިންގި އަސްލު ފަރާތަށް ފުލުހުން ހިމާޔަތްދިން ދިނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ބާރުގަދަ ސިޔާސީ ފަރާތްތައް ސަލާމަތް ކުރުމަކީ މިސަރުކާރުން ޢާންމުކޮށް ކުރަމުން ގެންދާކަމެއް ކަމަށާއި މީގެ ކުރިންވެސް މިފަދަ އެތައް ކަމެއް ފެނިގެން ގޮސްފައިވާކަމަށެވެ. މި ގޮތުން ސަފާރީއެއްގައި ހިންގި ރޯޔަލް ރޭޕާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފަރާތުން ފެނިފައިވާ ގެވެށި އަނިޔާގެ މައްސަލަ ވަނީ ފާހަގަކޮށްފައެވެ. އަދި ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ ނަމަވެސް، ޤާނޫނު އެންމެންގެ މައްޗަށްވެސް ހަމަހަމަކަމާއެކު ހިންގުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މި ބަޔާނުގައި ވަނީ ކުޑަކުއްޖާގެ ޢާއިލާއަށް އިންސާފު ހޯއްދައިދީ، އެ ޢަމަލު ހިންގި ކަމަށް އެ ކުއްޖާގެ ބަހުން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ ފަރާތް ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ގޮވާލާފައެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބިފައިވާ ކުޑަކުއްޖާއާއި އެ ކުއްޖާގެ ޢާއިލާއިން ތަޙަމަލް ކުރަމުން ގެންދާ ހިތާމައިގައި ބައިވެރިވެ ޕީޕީއެމް އިން ވަނީ ހަމްދަރުދީ ފާޅުކޮށްފައެވެ.