English Edition
Dhivehi Edition

މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޑޯމަންޓް(މުއާމަލާތް ނުކުރާ އެކައުންޓް) ގެ ގޮތުގައި ހުރި އެކައުންޓްތަކުގެ ވެރި ފަރާތުގެ މައުލޫމާތުތައް އެ ބޭންކުން އާންމުކޮށްފިއެވެ. ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިންގާފައިނުވާކަމަށް އެ ބޭންކުގެ ރެކޯޑްތަކުން ދައްކާ ހުރިހާ ފަރާތްތަކަށް މީގެ ކުރިން އެ ބޭންކުން ސިޓީ ފޮނުވާފައިވާކަމަށް އިއުލާންގައި ވަނީ ބުނެފައެވެ. ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނު (ނަންބަރު 24/2010) ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިދިވިދިގެން 5 އަހަރުދުވަސްވަންދެން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، “ދިވެހި ރާއްޖޭގެ ބޭންކިން ގާނޫން” ގެ ދަށުން އެ އެކައުންޓް ޑޯމެންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އެންގުމަށްފަހު އެއްވެސް ޖަވާބެއް ނުލިބޭ ކަސްޓަމަރުންގެ މައުލޫމާތު ދުވަހު ނޫހުގައާއި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެވޭނެކަމަށް ވަނީ ބުނެފައެވެ. މިގޮތަށް އިޢުލާން ކުރާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުން އެފަރާތްތަކު އެކައުންޓްތަކުގައިވާ ފައިސާ (އެމް.އެމް.އޭ) އާ ހަވާލުކުރުމަށްފަހު އެ އެކައުންޓްތައް ބަންދުކުރުމަށް ޤާނޫނުގައި ވަނީ ބަޔާން ކުރެވިފައެވެ. އިސްލާމިކް ބޭންކްގެ އެކައުންޓް އެކްޓިވޭޓް ކުރުމަށްޓަކައި، އެކައުންޓުން ފައިސާގެ މުޢާމަލާތެއް ހިންގަވައި ނުވަތަ ބޭންކްގެ “ކަސްޓަމަރ މައުލޫމާތު ފޯމް” ފުރުމަށްފަހު މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްއަކަށް ހުށަހެޅުމަށް އިއުލާންގައިވަނީ އެދިފައެވެ. 06 އޮގަސްޓް 2017 ގެ ކުރިން އަކައުންޓް އެކްޓިވޭޓްކުރުމަށް އެދިފައިނުވާ ނަމަ ދިވެހި ރާއްޖޭގެ ބޭންކިން ގާނޫންގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރާނެ ކަމަށްވެސް އެ ބޭންކުންވަނީ ބުނެފައެވެ. އަދި (އެމް.އެމް.އޭ) އާ ހަވާލުކުރެވިފައިވާ ފައިސާ ހޯއްދަވަން ބޭނުންފުޅުވާނަމަ “ޑޯމަންޓް އެކައުންޓްގައިވާ ފައިސާ ނެގުމަށް ހުށަހަޅާ ފޯމް” މޯލްޑްވިސް އިސްލާމިކް ބޭންކްގެ ބްރާންޗްއަކަށް ހުށަހެޅުމުން ފައިސާ ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދެއްވުމަށް 3011172 ނުވަތަ 3011100 އަށް ގުޅުމުން ލިބިގެންދާނެކަމަށް ބޭންކުންވަނީ ބުނެފައެވެ. މީގެ އިތުރުން ޑޯމެންޓްވެފައިވާ އެކައުންޓްތަކުގެ މައުލޫމާތު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓްގައިވަނީ ޝާއިއުކޮށްފައެވެ.