English Edition
Dhivehi Edition

މާލެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ހިސާބުތަކުން 400 އަށް ވުރެ ގިނަ އުޅަނދު ނަގައިފި އެވެ.

މި އަހަރުގެ ރޯދަމަހަށް ތައްޔާރުވުމާ ގުޅޭގޮތުން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އިންސްޕެކްޓާ އޮފް ޕޮލިސް ތޮލްހަތު މުހައްމަދު ވިދާޅުވީ މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ގިނަ ދުވަސްތަކެއް ވަންދެން ޕާކު ކޮށްފައި ހުރި 433 ސައިކަލް އަދި ހަތަރު ފުރޮޅުލީ 33 ވެހިކަލް ނަގާފައިވާ ކަމަށެވެ.

މާލޭގެ މަގުތަކުގައި ޖާގަ ހުސްކުރުމުގެ އިތުރުން ޓްރެފިކް ނިޝާންތައް ނެތް ސަރަހައްދުތަކުގައި ނިޝާންތައް ކުރެހުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ،

ރަމަޟާންމަހު ފުލުހުން ޚާއްސަ ސަމާލުކަމެއްދީގެން 5 ސަރަހައްދެއްގެ ޓްރެފިކް ބަލަހައްޓަމުން ގެންދާނެކަމަށް ތޮލްހަތު ވިދާޅުވިއެވެ. އެއީ ބާޒާރުމައްޗާއި، މިސްކިތްތަކާއި، ބޮޑެތި މަގުތަކާއި ބްރިޖާއި ހައިވޭ ސަރަހައްދެވެ.

ފެބްރުއަރީ 15 އިން ފެށިގެން ބާޒާރު މައްޗަށް ވަކި ޓީމެއް ކަނޑައަޅައިގެން ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމާއި، ޕޭމަންޓާއި ޕޭމަންޓްމަތީގައާއި ޒޯންތަކުގައި ކުނި ބަހައްޓަފައި ހުރި ފަރާތްތަކަށް ނަސޭހަތްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާޒާރު ސަރަހައްދުގައި އުޅަނދު ޕާކުކުރުމަށްވެސް ފުލުހުން ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާކަމަށް ތޮލްހަތު ވިދާޅުވިއެވެ.

ޓްރެފިކް ކުޑަކުރުމަށް ފުލުހުން ވަނީ ދުވާލުގެ ވަގުތު ނޯތުހާބަރުން ފެށިގެން ޗާންދަނީ މަގާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުން މަނާކޮށްފަ އެވެ. އޭގެ އިތުރުން 22 މިސްކިތެއްގެ ޓްރެފިކް ބަލަހައްޓަން، ނަމާދު ވަގުތުގެ 10 މިނިޓު ކުރިން އަދި ނަމާދުކޮށް ނިމި އެ ސަރަހައްދެއް ހަމައަކަށް އެޅެންދެން ހަތަރު ފުރޮޅުލީ އުޅަނދަށް މަނާވާނެ އެވެ.

ފުލުހުން ވަނީ އެ މީހެއްގެ ގެ ކައިރީގެ މިސްކިތަކަށް ދާ ނަމަ ހިނގާފައި ދިއުމަށް އަދި ސައިކަލުގައި ދާއިރު ވެސް ރަނގަޅު ޒޯނެއްގައި ޕާކުކުރުމަށް އެދިފަ އެވެ. ލަހުން ނަމާދަށް ދާ މީހުން ވެސް އެހެން މީހުން ވަދެ ނުކުތުމަށް ދަތިނުވާނެ ގޮތަށް ޕާކްކުރުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

“ހުރިހައި މިސްކިތެއްގައިވެސް ބާރުބޮޑުވާ ވަގުތައް ބަލައި 4 ފުރޮޅަށް އަޅުގަނޑުމެން ބަންދުކުރަމުންދާނަން. އެކަމަކު ބަންދުކުރާނީ އެ ވަގުތައް ބަލައި ކޮންމެ ނަމާދެއްގެ ވަގުތުގައިވެސް މިސްކިތުގެ ޓްރެފިކް ފްލޯއަށް ބަލައި ބަންދުކުރަމުންދާނީ. ބަންދުކުރާ ވަގުތުތައް ފެށޭނީ ނަމާދު ވަގުތުގެ 10 މިނެޓްކުރިން އަދި ނަމާދު ނިމިގެން އެ ސަރަހައްދު ކްލިއަރ ވަންދެން. ނަމާދު ވަގުތުތަކަށާއި، ތަރާވީހް ނަމާދު ވަގުތުތަކަށާއި ދަމުނަމާދުގެ ވަގުތުތަކުގައި އަޅުގަނޑުމެން ޓްރެފިކް ބަހަލައްޓަމުން ގެންދާނަން”. ތޮލްހަތު ވިދާޅުވިއެވެ.

ތޮލްހަތު ވިދާޅުވީ މީގެ ކުރީ ރޯދަމަހު ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ހަތަރު ތަނެއްގައި ކަމަށެވެ. އެއީ މާފަންނު ވެސްޓްޕާކާއި ގާދޫ ބިލްޑިން ހިސާބާއި ޓަސްކަލޫސާ ޕޮއިންޓް ނުވަތަ ބްރިޖު ވިއު ޕޮއިންޓް އަދި އިއްޒުއްދީން މަގު ހިސާބެވެ. އެހެންވެ، އެ ތަންތަނުން ގޯޅި އެޅުމުގައި ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.