English Edition
Dhivehi Edition
އަގުމަގު ޕޯޓަލް ލޯންޗް ކުރުން: ފޮޓޯ - ޕީއެސްއެމް

ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބަލާލެވޭނެ ޕޯޓަލެއް ލޯންޗްކޮށްފިއެވެ.

“އަގުމަގު” ޕޯޓަލް ގެ ނަމުގައި ލޯންޗްކުރި މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ނެރުނު މި މި އެޕްލިކޭޝަނަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދޭނެ އެޕްލިކޭޝަންއެއްކަމަށާއި މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފޯރުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

“މި އެޕްލިކޭޝަންގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެމަގު ފަހިކޮށްދިނުން. މި ޕޯޓަލުން އަގުތައް ފެންނަން ހުންނާނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކުންވެސް ކަނޑައަޅާ ބާވަތްތައްކަމަށެވެ.

މީގެ އިތުރުން މި އެޕްލިކޭޝަނުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ވިޔަފާރިވެރިންނަށް އަމިއްލައަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އިކޮނޮމިން މިނިސްޓްރީން ވިދާޅުވީ، މިވަގުތު މި ލިސްޓުގައި ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތަކެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައި އަތޮޅުތަކުގެ ރަށްތަކުގެ އަގުތައްވެސް ހިމަނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.