English Edition
Dhivehi Edition

ނޯޓް: މިއީ 21 ވަނަ، ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން ވަނަ ލިބިފައިވާ ވާހަކައެކެވެ.

ނަޝްވާ އޭނަ އިށީނދެގެން އިން ސީޓްގައި ރަނގަޅަށް ހަމަޖެހިލަމުން ދެލޯމަރާލިއެވެ. މަތިންދާބޯޓަށް އެރިއިރު އޭނަގެ ހިތް ތެޅުނުވަރަކަށް މިހާރު ނުތެޅެއެވެ. އެކަމަކު ބޯޓް ނައްޓާލިއިރު ނަޝްވާގެ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ. މަތިންދާބޯޓަކުން ކުރާ ފުރަތަމަ ދަތުރަށް ވުމާއެކު އޭނަގެ އަތްފައި ފިނިވިއެވެ. ބޯޓަށް ގޮތެއް ވެދާނެތީ ކަންބޮޑުވިއެވެ. ދަތުރުމަތީގައި ކިޔާ ދުއާއާއި އެތަކެއް ޒިކުރަކާއި ތަސްބީޙައެއް އޭނަ ކިޔަމުން ދިޔައެވެ. އެހެނަސް މިހާރު އޭނަ ހަމައަކަށް އެޅިއްޖެއެވެ. ބޯޓް ދުވާހެންވެސް މިހާރަކު ހީއެއް ނުވެއެވެ.

ޖެހިގެން އިން ސީޓްގައި ދުވަހު ނޫހެއްގެ ސަފްޙާތަކަށް ނަޒަރު ދޫކޮށްގެން އިން ޖީހާނަށް ނަޝްވާ ބަލައިލިއެވެ. އެއްވެސް ފިކުރެއްނެތި ޖީހާން ނޫސްކިޔަނީއެވެ.

ނަޝްވާ ބަލަން އިންކަން ޖީހާނަށް އެނގުނީ ކަންނޭނގެއެވެ.

“ނަޝް..ކިހިނެއްވީ ނަޝްވާއާއި ދިމާއަށް މޫނު އަނބުރާލަމުން ޖީހާން ސުވާލުކޮށްލިއެވެ.

“އުނހު…ކަމެއްނުވޭ” ހިނިތުންވެލަމުން ނަޝްވާ ކުޑަކޮށް ބޯހޫރާލިއެވެ.

ޖީހާން އަނެއްކާވެސް ނޫސް ކިޔަން ފެށުމުން ނަޝްވާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. ކޮންފަދަ ހިތްގައިމު ރީތި މަންޒަރެއް ހެއްޔެވެ. އޭނަ އަދިވެސް ކުޑަދޮރާ ގާތަށް ޖެހިލިއެވެ. އަދި ޤުދުރަތުގެ މި އަޖައިބުކުރުވަނިވި މަންޒަރަށް ނަޒަރު ހިންގަމުން ދިޔައެވެ.

ހުދުކުލައިގެ ވިލާކޮޅުކޮޅު އެކި ތަންތަނުގައި ތަރުތީބުން އެތުރިފައިވާ ގޮތް ކިހާ ހިތްގައިމު ހެއްޔެވެ. ހީވަނީ ނޫކުލައިގެ ސާލެއްގެ މަތީގައި ހުދުކުލައިގެ ކުދިކުދި ފަރުބަދަތައް ސަފަކަށް އެތުރިފައިވާ ހެންނެވެ. ކުޅަދާނަ ފަންނުވެރިއަކަށް ވެސް ކުރަހާ ނުލެވޭނެހައި ފުރިހަމަމަންޒަރެކެވެ…..! ގުދުރަތުގެ ފުރިހަމަ ކަމެވެ! މަޑުމަޑުން އޭނަ އެ ރީތި ކަމުގެ ތެރެއަށް ހިތްދޫކޮށްލައިގެން އިނދެ ދެލޯމަރާލިއެވެ.

ނަޝްވާ އަކީ އޭނަގެ މަންމަ އާއި ބައްޕައަށް ލިބިފައިވާ ހަތް ކުދިންގެ ތެރެއިން ހަތަރުވަނަ ކުއްޖާއެވެ. ނަޝްވާގެ ބައްޕަ، ކަރީމުގެ އިތުރު ދެ ބަނޑެއްގެ ކުދިން ތިބެއެވެ. ކަރީމު ފަސް މީހުންނާއި ކައިވެނިކުރިއެވެ. އަދި ތިން ބަނޑަށް ކުދިން ލިބުނެވެ. އެހެންނަމަވެސް ނަޝްވާމެން ފިޔަވައި ދެންތިބި ކުދިންނަށް ކަރީމު އަޅައެއް ނުލައެވެ. ޙާލު ބަލައެއްވެސް ނޫޅެއެވެ. އެއިންކުއްޖަކު ކަމަކަށް އެދިގެން އަޔަސް ކަރީމަށް ވުރެ ކުރިން ނަޝްވާމެންގެ މަންމަ، ފަރީދާ އެކުދިންނާއި ދިމާއަށް އެތިވަރު ގޮވައިގަނެ ފައްސާލައެވެ. ކަރީމަށް ފަރީދާގެ ކުރިމަތީ ޗުއްޕު އޭވެސް ބުނެލާކަށް ނުކެރެއެވެ.

ކަރީމުގެ އުޅުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައިވަނީ ފަރީދާގެ ޒީލަގަދަކަމުން ކަމުގައި އެންމެންވެސް ގަބޫލުކުރެއެވެ. އެހެންނަމަ ފަރީދާ ވަރިކޮށް އިތުރު ކައިވެނިތަކެއް ކަރީމު ކުރީހެވެ. އޭނައަކީ ދަރިންނާމެދު މާ ބޮޑު ފަރުވާލެއް ބަހައްޓާނެ މީހެއް ނޫންވިއްޔާއެވެ.

ނަޝްވާމެން ބޮޑުވަމުން ދިޔައީ އެއްވެސް ތައުލީމެއް ނުލިބިއެވެ. މަންމައާއި ބައްޕަގެ ހިޔަލުގައި އެކީ އުޅެމުން ދިޔަނަމަވެސް ލޯތްބާއި ކުލުނަކީ ކޮން އެއްޗެއްކަމުގެ އިޙްސާސެއް ނުވެއެވެ. ފަރީދާއަކީ ހެނދުނު ހޭލަން އާދަވެފައިވާ މީހެއް ނޫނެވެ. ދިހައެއް އެގާރަ ޖަހާއިރުވެސް އޭނަ އޮންނާނީ ނިދާފައެވެ. ކުދިން އުޅޭނީ އުޅޭނެ ގޮތަކަށެވެ. ހިސާބުގަނޑުގެ އެކިއެކި ގޭގޭގައެވެ. ނޫނީ އަތިރިމަތީގައެވެ. އެހެންނޫނީ ކޮންމެވެސް ބަޔަކާ ތޮޅޭށެވެ.

ދޮށްޓަށް ހުންނަނީ ފިރިހެން ކުއްޖަަކަށް ވުމާއެކު ފަރީދާ ހޭލާއިރަށް އަވަށްޓެރިން އޭނަގެ ދަރީގެ ޝަކުވާ އާއިގެން ގޮސް އެގޭދޮށުގައި ތިބެއެވެ. އެހެނަސް އެއްވެސް މީހެއްގެ ވާހަކައެއް ފަރީދާ އަޑެއް ނާހާނެއެވެ. އެހުރިހައި މީހުން އުޅެނީ އެއްވެސް ކަމަކާ ނުލައި އޭނަގެ ދަރިއާއި އަޅައިގެންފައި ކަމުގައި ފަރީދާ ދެކެއެވެ. އެ ކުއްޖާ ކުރާ އެއްވެސް ކުށެއް ނޯންނާނެއެވެ.

ހެނދުނު ހޭލާގޮތަށް އެކަކާއި ދިމާއަށް އެއްޗެތި ގޮވާފައި އަނެކަކު ކުށްވެރިކުރަމުން ގޮސް ފަރީދާއަށް ނާސްތާ ތައްޔާރުކޮށްލެވޭ އިރު ހުންނާނީ މެންދުރުން އަނބުރައި ދޭއް ޖެހުމަކާއި ގާތްވެފައެވެ. އެއީ ހެނދުނާއި، މެންދުރާއި އަދި ހަވީރުގެ ސަޔާއެކު ހަމަޖެހުނީ ކަމުގައި ފަރީދާ ދެކެއެވެ. ކިހާ ޚަރަދުކުޑަ ގޮތެއް ހެއްޔެވެ. އެގޮތަށް އިގުތިސާދު ކުރަން ފަރީދާއަށް އެނގޭތީ ކަރީމު އަބަދުވެސް އޭނައަށް ތައުރީފު ކުރެއެވެ. އެކަމަކު…ގަޑިން ގަޑިއަށް ކާން ނުލިބުމުގެ ސަަބަބުް ކުދިންނަށް ވަމުންދާގޮތް އެމީހުުންނަކަށް ނުފެނެއެވެ. ބަނޑުފައިވުމުން ހިސާބުގަނޑުގެ ގޭގެއަށް ގޮސް ބުނެކިޔައިގެން ކާއެއްޗެތި ހޯދާގޮތާއި، އެގޮތަށް ނުލިބުމުން ސިއްރުން ވިޔަސް ބަނޑުހައި ހޫނުކަން ފިލުވަމުން ދަރިން އުޅޭ ހާލު އެމީހުން ބަލާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކަށް އުޅުނު ކަމުގައި ވިޔަސް ބޮޑުވެއްޖެއްޔާ އެ ނިމުނީއެވެ. ގިނައީ އަންހެން ކުދިންނެވެ. އެކުދިން ކޮންމެވެސް މުއްސަނދި ފިރިހެނަކު އަތުއަޅުވައިލާނެއެވެ. އޭރުން ތަނަވަސްވީއެވެ. ދެ ފިރިހެން ކުދިން ރިސޯޓަކަށް ގޮސްދާނެއެވެ. އެ ނިމުނީ ނޫން ހެއްޔެވެ. ކީއްކުރާ ތައުލީމެއް ހެއްޔެވެ. އެއީ ބޭކާރު ޚަރަދުތަކެކެވެ. ރީތިކޮށް ގެ ހަދާލުން ވެސް އެއަށް ވުރެ މާރަނގަޅެވެ. މިއީ ކަރީމާއި ފަރީދާ އާއި ދެމީހުންގެ ވެސް ޚިޔާލެވެ.

“އަހަރެމެންގެ އަންހެން ކުދިންނާއި އިންނަން މިގޭގެ ރީތިކަންފެނި މީހުން ދުވަމުން އަންނަވަރު ކުރާނަން” ކަރީމު ފަޚުރުވެރިކަމާއެކު މޭ ފުއްޕާލަމުން ބުނެއެވެ. އެއީ ތެދެކެވެ. ކަރީމު އެގެ އެންމެ ފެންވަރު ރަނގަޅު ވަރުގެ ރީތި ގެއަކަށް ބަދަލުކުރިއެވެ. ސިިޓިންގރޫމުގައި ސޯފާސެޓް ބެހެއްޓިއެވެ. ލަވަޖަހާ ސެޓާއި ޓީވީ ގަތެވެ. އެ ރަށަށް އެންމެ ފުރަތަމަބޮޑު ސައިކަލެއް ގެނައީ ވެސް ކަރީމެވެ. އެކަމާއި ވެސް އެމީހުން ފަޚުރުވެރިވެއެވެ. ކުދިންވެސް އަދި ފަރީދާވެސް އަވަށްޓެރިންގެ ގޭގެއަށް ގޮސް އެތަކެތީގެ ވާހަކަ ދައްކާ ހަދައެވެ. އެކަމަކު…އެވާހަކަ ތަކުން އެހެން މީހުން ހައްލައެއް ނުލެވެއެވެ. މިފަދަ ތައުލީމީ ޒަމާނެއްގައި އެގޮތަށް ކުދިން އުނގެނެމުން މަހުރޫމް ކޮށްގެން ގެއަށް ތަކެތި ޖަމާކުރާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. އެހެން މީހުންގެ ކުރިމަތީގައި މުދަލަށްވުރެ މުހިއްމީ ދަރިންނެވެ. ދަރިން ހެޔޮގޮތުގައި ބޮޑުވެއްޖެނަމަ އެ އޮތީ މުދާ ލިބިފައެވެ. ދެ ދުނިޔޭގައި ވެސް މެއެވެ.

ކަރީމަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކަށް ވުމާއެކު ގިނައިން އޭނަ ދިރިއުޅެން ޖެހިފައި އޮންނަނީ ރަށުން ބޭރުގައެވެ. ކަރީމު ރަށުގައި ނެތި އެކަނި ކުދިންނާއެކު ގޭގައި އުޅެން ފުރުސަތު ލިބުން އެއީ ފަރީދާ ވެސް މަޑުމަޑުން ގޯޅި އަޅަން ފެށި އެއް ސަބަބެވެ. ކަރީމު އަޅައިދިން ރީތި، މުއްސަނދި ގޭގެ އަވައިގައި ޖެހިގެން ހިލޭ ފިރިހެނުންތައް ފަރީދާއާއި ގުޅެން ފެށިއެވެ. އެގޮތުން ކަރީމު ރަށުގައި ނުހުންނަ ދުވަސްތަކަކީ ފަރީދާއަށް ރަނުގެ ފުރުސަތަށް ވެގެން ދިޔައެވެ. ގޭގެ ސިޓިންގރޫމުގައި ، އަރާމު ސޯފާތަކުގައި އެކިއެކި މީހުންނާއެކު މަޖާ ނަގަން ފަރީދާ އިނދެއެވެ. ދަރިންގެ ހަމަ ކުރިމަތީގައެވެ.

އޭރު ނަޝްވާއަށް އެންމެ ހަތަރު އަހަރެވެ. ދައްތަ ރަމްޒާ އަކީ އަށް އަހަރުގެ ރީތި އަންހެން ކުއްޖެކެވެ. ދެވަނައަށް ހުންނަނީ ސަލްމާއެވެ. ސަލްމާއަށް އަދި މިވީ ހަ އަހަރެވެ. އޭރު އެންމެ ކުޑައީ ނަޒީލެވެ. ނަޒީލު ކޮއްކޮގެ ހުރިހާ ކަމެއް ކުރަނީ ރަމްޒާ ދައްތައެވެ. ފަރީދާކުރާ އެއްވެސް ކަމެއް ނޯވެއެވެ. މަންމަގެ ކަމަކީ ދުވާލު ހަތަރުދަމު ނިދުމެވެ. އަދި މެންދުރުފަހުން ހޭލައިގެން ކުދިންނާދިމާއަށް ހަޅޭލަވަލަވާފައި އިރު އޮއްސުމުން ރީތިވެލައިގެން ގެއަށް އަންނަ މެޙްމާނުންނާ އިސްތިގުބާލު ކުރުމެވެ.

ފަޒީލު ކޮއްކޮއަށް ދެ އަހަރަށް ވުމާއެކު އިރުއޮއްސުމުން ފެންވަރުވައި، ކާންދީފައި ނިންދެވުމުން ހެނދުނުވަންދެން ނިދަން ކޮއްކޮ އޮވެއެވެ. މި ހުރިހާ ކަމެއް ކުރަނީ ރަމްޒާދައްތައެވެ. ނަޝްވާމެން ތިބެނީ ނިދަން ވަންދެން ހިސާބުގަނޑުގެ އެކިގޭގޭގައެވެ. ރޭގަނޑަށް އިރުއޮއްސުމުން އެހެން ކުދިން ގުރުއާން ކިޔަވަން ފެށީމައި މަގުމަތީގައި ކުޅެ ސަކަރާތް ޖެހުމުގައެވެ. ނިދަންވަން ދެން އެކަހަލަ ގޮތަކަށް އެމީހުން އުޅެއެވެ.

އެހެނަސް ނަޝްވާ އަބަދުވެސް ކިޔަވަން ބޭނުންވެެއެވެ. އެހެންކުދިން ގޮތަށް ރީތިވެގެން ޔުނިފޯމްއަޅައިގެން ސްކޫލަށް ދާން ބޭނުންވެއެވެ. ބޮޑުވެގެން ކޮންމެވެސް މޮޅު މީހަކަށް ވާން ބޭނުންވެއެވެ.

ޖީހާނަކީ އެމީހުންގެ ގެއާއި އިންވެގެން ހުރި ސަކީނާއްތަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ސަކީނާއްތަގެ ދެން ތިބެނީ ހަތަރު އަންހެން ކުދިންނެވެ. އެހެންކަމުން އެމީހުން ޖީހާން ދެކެ ވަރަށް ލޯބިވެއެވެ.

އެ ގެއަކީ ނަޝްވާ އެންމެ ގިނައިން ގޮސް އުޅޭ ގެ ކަމުން ގޭގެ މާހައުލުފެނި ތިމަންނައަކީ ވެސް އެގޭ ކުއްޖެއް ނަމައޭ ނަޝްވާގެ ހިތަށް އަރައެވެ. ޢުމުރުން ކިތަންމެ ހަގުކަމުގައި ވިޔަސް ސަކީނާއްތަމެން ދަރިންނާ ދޭތެރޭ ކަންތައް ކުރާގޮތާއި އޭނަގެ ގޭގައި ކަންތައްތައް ވަމުންދާ ގޮތް ނަޝްވާއަށް ވިސްނެއެވެ.

“އަހަރެން ބޮޑުވެގެން ވާނީ ޕައިލެޓަކަށް” ޖީހާން އަބަދުވެސް ބުނެއެވެ.

“އަހަރެން ވާނީ ޓީޗަރަކަށް” ނަޝްވާވެސް އުފަލުން އިނދެ ބުނެލައެވެ.

“ކިހިނެއް ނުކިޔަވާ ޓީޗަރަކަށް ވާނީ. ނަޝްވާ ސްކޫލަކަށް ވެސް ނުދަމެއްނު. ނުކިޔަވާ ކުދިން ބޮޑުވީމާ ތިބޭނީ ހަމަ ގޭގައި” ނަޝްވާއަށް ބަލާލަމުން އުމުރުން 7 އަހަރުގެ ޖީހާން ބުނެއެވެ.

ޖީހާންގެ އެކަހަލަ ވާހަކަ ދައްކާ ކޮންމެ ދުވަހަކު ނަޝްވާ ދެރަވެއެވެ. ހިތުގައި ޖެހެއެވެ. އޭނާ ކިޔަވާނެއެވެ. މޮޅުމީހަކަށް ވާނެއެވެ. ޖީހާނަށް ދައްކަންވެސް މެއެވެ. އެހެންނަމަވެސް އެކަހަލަ ވާހަކައެއް މަންމަ ގާތުގައި ބުނާކަށް ނަޝްވާއަކަށް ނުކެރެއެވެ. އެހެންވިޔަސް ހިތްވަރުކޮށްފައި ބުނަން ވީއެވެ.!

އެފަހަރު ބައްޕަ ރަށަށް އައުމުން ހިތްވަރު ކޮށްލާފައި ނަޝްވާ އޭނަގެ ހިތުގެ އެދުން ބައްޕަގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ.

“ބައްޕާ އަހަރެން ސްކޫލަށް ދާން ބޭނުުން. ކިޔަވައިގެން މޮޅުމީހަކަށް ވާން ބޭނުން. އެހެންކުދިން އަތުގައި ހުންނަ ކަހަލަ ފޮތާއި ފަންސުރުވެސް ގެންގުޅެން ބޭނުން!” ބިރުން އިނދެ ނަޝްވާ ބުނެލިއެވެ

(ނުނިމޭ)