މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހެދިގޮނޑުދޮށު ސަރަހައްދުގައި ކަމަށެވެ. މިރޭ 22:27 އެހައިކަންހާއިރު ހިނގި މިހާދިސާގައި ޒަޚަމްވި މީހާއަށް މިހާރު ގެންދަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުންނެވެ. އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ އެމީހާގެ ބޮލަށެވެ. އެހެންނަމަވެސް އެ ޒަޚަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ފުލުހުންވެސް އެކަމާ ބެހޭ ގޮތުން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. މިހާދިސާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މިފަދަ ހާދިސާތައް މާލޭގައި އިތުރުވަމުންދާތީ ފުލުހުންވަނީ އެކަންކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.