English Edition
Dhivehi Edition

ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަނެއް ގާއިމްކޮށްފިއެވެ.

ފޮތް ގުންޒަރު’ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ނިއު ސްޓާރ ސްޕޯޓްސް ކްލަބުންނެވެ. މިއީ މާފުށީގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށާއި މިތަނުގައި މަޑުކޮށްލާ ވަގުތަކީ ފައިދާހުރި ވަގުތުކޮޅަކަށް ހެދުމުގެ މަގުސަދުގައި ހިންގުނު ޕްރޮޖެކްޓެކެވެ.

ރަށުގެ ބަނދަރު ސަރަހައްދުގައި ގާއިމްކުރެވިފައިވާ މި ފޮތް ގުންޒަރުގައި އެކި އުމުރު ފުރާތަކަށް ހާއްސަ ފޮތް އެކުލެވެއެވެ. އަދި ބޭރުގައި ބެންޗް ބަހައްޓައި އަދި އިންޑޯ ބައިގައި ބީން ބޭގް ވެސް ވަނީ ބަހައްޓާފައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ނިއު ސްޓާރ ސްޕޯޓްސް ކްލަބްގެ ފަރާތުން ވިދާޅުވީ މި ފޮތް ގުންޒަރަކީ ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން ހިތްފަސޭހަ މާހައުލެއްގައި ދިމާވެ ފޮތްކިޔާލުމަށް ރަނގަޅު ތަނެއް ކަމަށާއި ޖާގައެއް ނެތުމުގެ ސަބަބުން އާންމު ގޮތެއްގައި މި ޖެހެނީ ބަނދަރު މަތީގައި ހުންނަ ކެފޭ އެއްގައި މަޑުކޮށްލަން ކަމަށެވެ. އަދި މި ތަނުގައި އެކި އުމުރުފުރާތަކާ ގުޅޭ އެކަށީގެންވާ އަދަދެއްގެ ފޮތް ހުރުމާއެކު މި ތަނުގައި މަޑުކޮށްލާ ވަގުތަކީ ވެސް މައުލޫމާތު މުއްސަނދިވެ، ހިތް ފަސޭހަ ވަގުތުކޮޅަކަށް ވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިހާތަނަށް 65 ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކ. އަތޮޅުގެ ތިން ރަށަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ގާފަރު، ކާށިދޫ އަދި މާފުއްޓެވެ.