English Edition
Dhivehi Edition

ކަރެކްޝަންގައި ތަމްރީނުދިނުމަށް އެންމެ އެކަށޭނަ ވަޞީލަތްތައް ނެތުމުގެ ކަންބޮޑުވުން ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ފާޅުކުރައްވައިފިއެވެ.

އެމަނިކުފާނު މި ކަންބޮޑުވުން ފާޅުކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 25 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ 50 އަހަރުވީ އެޚިދުމަތުގައި ޒަމާނާ އެއްވަރަށް ޓްރެއިނިންގ ދެވޭނެ މަގުތައް ފަހިކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އަދި މިކަމަށް މިއަދު ވަރަށް ބޮޑު ހައްލެއް ހޯދާދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ތެރެއިން ޤާނޫނު ތަންފީޒުކުރާ ހުރިހާ މުއައްސަސާތަކަށް ބޭނުންވާނެ ތަމްރީނު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް މިއަދު އެކަށީގެންވާ ނިޒާމެއް ޤާއިމްކުރެވިފައިވާކަން ހޯމް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

“ރާއްޖޭގެ ޖަލުތަކުގައި ނުވަތަ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި 2000 އެއްހާ ޤައިދީން ތިބިއިރު، ހައެއްކަ ސަތޭކަ އޮފިސަރުންނަކީ މިކަން ކުރުމަށް އެންމެ އެކަށީގެންވާ އަދަދެއްނޫން. މިކަމުގެ ސަބަބުން ޤައިދީންނަށް ދޭންޖެހޭ ޚިދުމަތަށް ޚާއްޞަކޮށް ރިހިބިލިޓޭޝަންގެ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ. އެކަން އެންމެ ފުރިހަމަގޮތުގައި ނުކުރެވުމުން ޖަލުތަކުން ނެރޭ ޤައިދީންނަށް އެންމެ ފުރިހަމަ ގޮތުގައި ޕްރޮގްރާމް ހިންގިފައިނުވާކަން ޤަބޫލުކުރަން.” މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ޖަލުގައި އެކަށީގެންވާ މިންވަރަށް އިންސާނީ ވަޞީލަތް ޤާއިމްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ. އެގޮތުން ސަރުކާރު ހަވާލުވެ, ކޯވިޑްގެ ހާލަތުގެ ކުރިން 60 އޮފިސަރުން އަލަށް އިތުރުކުރިކަން ފާހަގަ ކުރެއްވިއެވެ. އަދި ހަތަރު އަހަރެއްހާ ދުވަހަށްފަހު ގާތްގަނޑަކަށް 400 އެއްހާ އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.

ޝައިޚް އިމްރާން ވިދާޅުވީ ކޯވިޑާއެކު މިދިޔަ ދެއަހަރު މިކަން ކުރުމުގައި ވަރަށްބޮޑު ދަތިކަމަކަށްވި ކަމަށާއި ކޯވިޑުން އަރައިގަނެ, މިއަހަރު ޢާއްމުހާލަތަށް ރުޖޫއަވާން ފެށުމާއެކު އޮފިސަރުން ނެގުމުގެ ވަރަށް ފުޅާ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި މިއަހަރު މުޅިން އަލަށް 180 އޮފިސަރުން ނެގުމަށް ނިންމާ، އެ އޮފިސަރުންނަށް ތަމްރީނު ދެވުމުން މިހާރުހުރި މައްސަލަތަކަށް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

“އަލަށް ގިނަ އޮފިސަރުންތަކެއް ކަރެކްޝަނަށް ނެގެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސީދާ އެހީތެރިކަމާ އެކު. ތިޔަ އޮފިސަރުން ހަވާލުވަނީ ވަރަށްބޮޑު ޤައުމީ މަސައްކަތަކާ. އެއީ ހުރިހާ ދިވެހިން އުފުލަން ޖެހޭ މުހިއްމު މަސަކަތެއް.” ހޯމް މިނިސްޓަރ ވިދާޅުވިއެވެ.