English Edition
Dhivehi Edition

އަޑަށް ބާރުލާފައި ކަރުބުޑުން ވާހަކަ ދެއްކުމަކުން ކަންކަން ނުވާނެ ކަމަށް ވިދާޅުވެ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ލީޑަރޝިޕަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެ، ފާޑުވިދާޅުވެފައިމިވަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިފަހުން ފޯމް ހުށައެޅުމުން އެމްޑީޕީގެ ކެންޑިޑޭޓްގެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލުމާއި ގުޅިގެންނެވެ.

ނިހާދު ވިދާޅުވީ ލީޑަރޝިޕްގައި މިއަދު ހަވާލުވެ ތިއްބެވި ބޭފުޅުން ކުރަންޖެހޭ ކަމެއް މިއަދު ނުކުރެވި، އަނގައިން މާދަމާ އެކަން ކުރާނަމޭ ބުންޏަސް މިއަދު ފެނިގެން މިދިޔައީ އެކަން ނުކުރެވޭނެކަމުގެ ހެކިކަމަށެވެ. އަދި އެމްޑީޕީގެ އަންހެން ކަނބަލުން ޚާއްސަކޮށް މާލެ ދާއިރާގައި ތިބި އަންހެން ކަނބަލުންނަށް މިއަދު މިގެއްލުވާތީ ލިބެން އޮތް ފުރުޞަތެއް ކަމަށެވެ.

“އިންތިޚާބުގައި ވާދަކުރުމަށް ވަގުތުލިބި އެކަން ނުކުރެވުމަކީ ލީޑަރޝިޕްގެ ބޮޑު ފެއިލިއަރއެއް.” މެމްބަރު ނިހާދު ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު އިއްޔެ މެންދުރު 12 ޖެހިއިރު ހަމަވިއިރު، އެމްޑީޕީން ފޯމް ހުށައެޅީ އޭގެ ފަހުންނެވެ.

އެހެން ކަމުން މި އިންތިޚާބުގައި ވާދަކުރާނީ ސުންގަޑީގެ ކުރީން ފޯމް ހުށައަޅާފައިވާ ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނެގުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަނ ހޮނިހިރު ދުވަހުގެ މެންދުރުއެވެ.