English Edition
Dhivehi Edition

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) އަށް ފުޓްބޯޅަ އަދި އެތްލެޓިކްސް ކޯޗުން ހޯދަން އިޢުލާން ކޮށްފިއެވެ.

އެސްއޯއެމް އިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި ދެ ކުޅިވަރަށް ވެސް ބޭނުންވަނީ އަންހެން އަދި ފިރިހެން ކޯޗުން ކަމަށެވެ. އަދި މި ދެ ކުޅިވަރުގެ ކޯޗުންގެ މުސާރައަކީ މަހަކު 4000 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދު ކަމަށެވެ.

އެތްލެޓިކްސް ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި IAAF ކޯޗިންގ ދަށްވެގެން ލެވެލް 1 އޮތުން ނުވަތަ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަން ޤަބޫލުކުރާ ކޯޗިންގ ކޯހެއް ހަދާފައިވުން ނުވަތަ ފިޒިކަލް ފިޓްނަސް ކޯހެއް ހަދާފައިވުން ހިމެނެއެވެ. ނުވަތަ އެތުލެޓިކްސް ކްލަބެއްގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގެންގުޅުމުގެ ކޯހެއް (ޓީޗިންގ) ހަދާފައިވުން ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ކުރުމުގެ ޝައުޤު ހުރުން ވެސް ހިމެނެއެވެ.

ފުޓްބޯޅަ ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި ފުޓްބޯޅަ ބީ ލައިސެންސް އޮތުން ނުވަތަ ފުޓްބޯޅަ ސީ ލައިސަންސް އޮތުން ނުވަތަ ފުޓްބޯޅަ ގްރާސް ރޫޓު ކޯޗިންގ ހަދާފައިވުން ނުވަތަ ފުޓްބޯޅަ ކްލަބެއްގައި އެސިސްޓެންސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން ހިމެނެއެވެ.

މި މަގާމުތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން އަންގާ ގޮތެއްގެމަތިން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން (ފަރާތް) ގެ އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުން ހިމެނޭއިރު، މިއީ އެއް އަހަރުދުވަހުގެ މަގާމުތައް ކަމަށާއި އަހަރު ގުނާނީ އެއްބަސްވުމުގައި ސޮއި ކުރާ ތާރީޚުން ފެށިގެން ކަަމަށް އެސްއޯއެމް އިން ބުނެއެވެ.

މި މަގާމުތަކަށް އެޕްލިކޭޝަން ފޮނުވުމުގެ ސުންގަޑިއަކީ 20 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 13:00 އަށް މި މަގާމުތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީސް (ގަލޮޅުދަނޑު އެކަމަޑޭޝަން ބްލޮކް) ނުވަތަ [email protected] މެއިލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެސްއޯއެމް އިން ބުނެއެވެ.

ވަޒީފާ އަށް އެދޭ ފޯމު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީހުންނާއި www.somaldives.org އިން ޑައުންލޯޑު ކުރެވޭނެއެވެ.

https://www.gazette.gov.mv/iulaan/189916

https://www.gazette.gov.mv/iulaan/189913