English Edition
Dhivehi Edition

ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރު ކުރުން ލަސްވާ ސަބަބު ހޯދުމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހަށް ހާޟިރު ކުރަން ހުށަހަޅައިފިއެވެ.

މިނިސްޓަރ މަޖިލީހަށް ހާޟިރުކޮށް ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. އޭނާ ހުށަހަޅުއްވާފައިވަނީ ހަތަރު ސުވާލެއް ކުރުމަށެވެ.

އެއީ:

  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ؟
  • މަސްވެރިން ބާން މަސް ކޫއްޑުއަށް ލިބޭތަނުން ތާޒާކަމާއެކު ވަގުތުން ދަޅުގައި ބަންދުކޮށް ހަރަދު ކުޑަކޮށް ޕްރޮސެސް ކުރުމަށް ކޫއްޑޫގައި ކޭނިން ފެކްޓަރީއެއް ގާއިމު ނުކުރެވިގެން އުޅެނީ ކީއްވެތޯ؟
  • އެކަމަށް އެއްވެސް މަސައްކަތެއް މިހާތަނަށް މިނިސްޓުރީން ކޮއްފައިވާނެތޯ؟
  • މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ކުރެވެމުންދަނީ ކޮން މައްސައްކަތެއްތޯ؟

ރާއްޖޭގެ ދެކުނުގެ ސަރަޙައްދުގައި މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވެފައިވާ މި ދުވަސްވަރު ކޫއްޑޫގައި ކެޕޭސިޓީ ނެތުމުން މަސްކިރުން ވަނީ ކޮންޓްރޯލުކޮށްފައެވެ. އެގޮތަށް މިފްކޯ އިން ނިންމީ މިމަހުގެ ހަވަނަ ދުވަހުއެވެ.

އެކަމާ ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ މަސްވެރިން އަންނަނީ ކޫއްޑޫގައި ހިތްހަމަ ނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރަމުންނެވެ. އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށް ވެސް މަސްވެރިން އަންނަނީ ހުރަސް އަޅަމުންނެވެ.

ކޫއްޑޫގެ މަސް ރައްކާކުރުމަށް މި ވަގުތުގެ ކެޕޭސިޓީއަކީ 2،000 ޓަނެވެ.

ދެކުނުގެ މަސްކިރުވުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ ކޫއްޑޫ ފެސިލިޓީގައި ވެސް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ނިންމާފައިވާއިރު، ފެލިވަރުގައި 4000 މެޓްރިކް ޓަނުގެ އައު ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ކަނޑުއޮތްގިރި ފެސިލިޓީގައި 200 ޓަނު، ގދ. ތިނަދޫގައި 1،000 ޓަނު އަދި މ. މުލަކުގައި 500 ޓަނުގެ އައު ކޯލްޑް ސްޓޯރޭޖު ގާއިމު ކުރުމަށް ވެސް ނިންމާފައިވެއެވެ.

މިދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ވާތީ، މަސް ކިރުމަށް ބޭރުން ބޮޑު ބޯޓެއް ގެންނަން މަސައްކަތް ކުރާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.