English Edition
Dhivehi Edition

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މަޤާމުން ވަކިކުރައްވައިފިއެވެ.

ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ، ޑރ. ވިޓާލީ އެ މަގާމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އޭނާ އަކީ މިފްކޯއަށް އައްޔަންކުރެއްވި ބޭރުގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނީ ސީއީއޯގެ އިތުރުން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި ލިއުބިމޮވް މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ޕީސީބީން ހާމައެއް ނުކުރެެއެވެ.

ވިޓާލީ މަގާމުން ވަކިކުރިއިރު، މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަނުކޮށްފަ އެވެ.

މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެއް ކަމަށްވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފައެވެ. އެ ކުންފުނީގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް އައްޔަންކުރެއްވީ ވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތްކުރިއެރުވުމަށް 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.