English Edition
Dhivehi Edition
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ނިހާދުގެ ރުޅި ކޮންޓްރޯލުން ނެއްޓި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލް އުސްތާޛު އިމްތިޔާޒު ފަހުމީ (އިންތި) އަަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

ނިހާދުގެ ބަހުގެ ހަމަލާތައް އިންތިއަށް ރައްދުކުރައްވާފައިމިވަނީ ޖުޑީޝަރީ ކޮމެޓީން ބޭއްވި ކޮމެޓީ ބައްދަލުވުމަށް އޭނާ ނުވައްދައި ދޮޅު ގަޑިއިރު ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަ ނުޖެހި ކުރި ޓުވީޓުގައެވެ. އެ ޓްވީޓިގައި ނިހާދު ވިދާޅުވެފައިވަނީ ކޮމެޓީއަށް ވަނުމަށްޓަކައި ދޮޅު ގަޑިއިރު މަސައްކަތް ކުރި ނަމަވެސް އޭނާއަށް އުފުރުޞަތު ނުދީ އިންތި ހިފަހައްޓާފައިވާކަމަށެވެ.

“މަޖިލީހުގެ ކޮމެޓީއެއްގެ މުޤައްރިރުކަން މިހާ ހުދުމުޚުތާރުކޮށް ބަލަހައްޓަވާ ބޭފުޅަކަށް، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޗެއަރޕާރސަންގެ މަޤާމު ދިނުމަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ކަމެއް ނޫން. މިކަމުން އިންތިއަކީ މިފަދަ މަޤާމުތަކަށް ކުފޫ ހަމަނުވާ ބޭފުޅެއްކަން ސާފުވޭ.” ނިހާދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޚާއްޞަކޮށް ޗެއަރޕާރސަންގެ އިންތިޚާބުގައި އެ ޕާޓީގެ މެމްބަރުންގެ ތެރޭގައި ވަނީ ވަރަށް ފޯރި ހިފާފައެވެ.

އެގޮތުން ޗެއަރޕާރސަން ގެ މަގާމަށް ވާދަކުރައްވާ އިންތި އާއި އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޒު އިސްމާޢީލަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލީހުގަ އާއި ސޯޝަލް މީޑިއާ ގައި ވެސް އަންނަނީ ބަހުގެ ޙަމަލާތައް ރައްދުކުރަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.