English Edition
Dhivehi Edition

ރައީސް ޔާމީންގެ ސަރުކާރުގައި ގދ. ހޯޑެއްދޫގައި އަޅާފައިވާ 40 ހައުސިންގ ޔުނިޓްގެ ތެރެއިން ގިނަ ހައުސިންގް ޔުނިޓްތަކުގައި އެކިވަރުގެ މައްސަލަ ޖެހި އެ ތަންތާގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ހައުސިންގ ޔުނިޓްގެ ނަންބަރު 21 ގައި ދިރިއުޅުއްވާ އާއިލާއިން ވިދާޅުވީ އެ ހައުސިންގ ޔުނިޓްގަ ދިރިއުޅެންފެށިތާ އަހަރެއްހާދުވަސް ނުވަނީސް އެތަނުގައި ޖަހާފައިވާ ތަށިމުށިތައް އަމިއްލައަށް ނެއްޓެން ފަށައިފިކަމަށެވެ. އަދި އެތަނުގަ ދިރިއުޅެން ފެށުމުގެ ކުރިން އެތަނުގެ ފާޚާނާ ތަކުގައި ހުރި އިކުއިޕްމެންޓް ތައްވެސް ހަލާކުވެފައިވާކަމަށެވެ.

އަދި އެތާނގައި ދިރިއުޅޭ ގިނަ ފަރާތްތައް ވިއްސާރަ މޫސުމުގައި ތިބެންޖެހެނީ ފާހާނަ ނުކޮށްކަމުގައެވެ. ސަބަބަކީ އެތަނުގެ ނަރުދަމާ އަޅާފައިވާ ގޮތުން ފެން ހިންދުމުގައި މައްސަލަތަކެއް އުޅޭތީ ކަމަށްވެސް އެފަރާތަކުން މައުލޫމާތު ދެއްވައެވެ.

އެތަނުގައި ދިރިއުޅޭ ފަރާތްތަކުން މައުލޫމާތު ދެއްވި ގޮތުގައި، މި ހައުސިން ޔުނިޓްތަކުގެ ޝަކުވާ އެރަށުގެ ކައުންސިލަށާއި އަދި ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ހުށަހަޅައިފައިވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ތަނަކުން އެދެވިގެންވާ ޖަވާބެއް ލިބިފައި ނުވާކަމަށްވެސް އެފަރާތްތަކުން މައުލޫމާތު ދެއްވައެވެ.

މި ހައުސިން ޔުނިޓް ތަކަކީ 2010 ވަނަ އަހަރު ރައީސް ނަޝީދު ބިންގާއަޅުއްވައި، 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދެވުނު މަޝްރޫއެކެވެ.