English Edition
Dhivehi Edition

ދެކުނަށް މަސްވެރިކަން ރަނގަޅުވެ، ބާނާ މަސްތައް ނުކިރޭތީ ދެކުނުގެ މަސްވެރިން މުޒާހަރާކޮށް އަޑުއުފުލުމަށް ނިންމައިފިއެވެ.

މަސްވެރިން އެމް ވީ އާ ހަވާލާދީ، ލ. އަތޮޅު ހިމެނޭހެން ދެކުނުގެ 5 އަތޮޅުގެ މަސްވެރިން ހިމެނޭ ބޮޑު އެއްވުން އިންތިޒާމް ކުރުމަށް އިސްވެ ހަރަކާތްތެރިވާ ފަރެސް މާތޮޑާގެ ކެޔޮޅަކު ބުނެފައިވާގޮތުގައި ބާނާ މަސްކޮޅު ނުކިރިގެން މަސްވެރިން އުޅެންޖެހޭ ހާލު ސަރުކާރަށް ނޭގޭ ކަމަށެވެ. ކޮންމެ އަހަރަކުވެސް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރުގައި މިފްކޯގެ ކެޕޭސިޓީ ނެތް ކަމަށް ބުނެ މަސްގަތުން ކޮންޓްރޯލް ކުރުމުގެ ސަބަބުން، ބޮޑެތި އޮޑިފަހަރުން މިކުރާ މަސްވެރިކަމުން ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި މަސްވެރިކަން ތަރައްގީ ކުރުމުގެ ނަމުގައި އެކި ވައުދުތައްވެ، ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންގެ ހަނދާން ނުހުންނަ ކަމަށްވެސް ކެޔޮޅު ބުންޏެވެ.

މިވަގުތުވެސް ކޫއްޑޫ ފަޅުތެރޭގައި މަސްކިރުމަށް ކިއު ހަދައިގެން ތިބި ބައެއް ދޯނިތަކުން ނުރުހުން ފާޅުކުރަމުންދާކަން ފާހަނގަ ކުރަމުން ކެޔޮޅު ބުނީ އަންނަ ހުކުރު ދުވަހު 5 އަތޮޅުގެ މަސްވެރިން ކޫއްޑޫއަށް ޖަމާވެ، ސަރުކާރަށާއި މިފްކޯއަށް އަޑު އިވެންދެން މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ. މަސްވެރިކަން ރަގަޅުވެ މަސްނުކިރޭ ކޮންމެ ފަހަރަކު މިފްކޯ ތަރައްގީ ކުރަން ވަރަށް އަވަހަށް ފަށާނެކަމަށް ބުނާކަމަށާއި 2019 ވަނަ އަހަރުން ފެށިގެން އެ އަޑު އިވިއިވި މަސްވެރިން މިހާރު ފޫހިވެއްޖެކަމަށް ކެޔޮޅު ބުންޏެވެ.

އެހެންކަމުން ހުކުރު ދުވަހު ކޫއްޑޫގައި ބާއްވާ އެއްވުމަކީ ދެކުނުގެ ހުރިހާ މަސްވެރިންވެސް ބައިވެރިވެ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެ ދަތިކަމާއި އައިސް ނުލިބުގެ ދަތިކަމަށް ސަރުކާރުން ސައްހަ އެދެވޭ ޖަވާބެއް ލިބެންދެން ކުރިއަށް ގެންދަން ރާވަމުންދާ މުޒާހަރާއެއްކަން ކެޔޮޅު ފާހަގަ ކުރިއެވެ. އަދި މި މުޒާހަރާގައި ރާއްޖޭގެ ހުރިހާ މަސްވެރިން ބައިވެރިވުމަށް އެއްވުން އިތިޒާމްކުރާ މަސްވެރިންގެ ފަރާތުން އެދޭކަމަށްވެސް އޭނާ ބުންޏެވެ.

އަދި ރޭ އިރާކޮޅުން ފެށިގެން ކޫއްޑޫ ބަނދަރުގައި ތިބި މަސްވެރިން ކޮންމެވެސް ވަރަކަށް މުޒާހަރާކުރަމުންގެންދާ ކަމަށް ކޫއްޑޫގައި މިވަގުތު ހުރި މަސއވެރިޔަކު މައުލޫމާތު ދެއެވެ.

މިދިޔަ ހަފްތާގައި މަސްވެރިކަން ރަނގަޅުވެ ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބާނަމުން ދިއުމާއި ގުޅިގެން މިފްކޯއިންވަނީ މަސްކިރުން ކޮންމެ ދޯންޏަކަށް ދުވާލަކު 5 ޓަނަށް ލިމިޓް ކޮށްފައެވެ.

ނިމިގެން ދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުވެސް މިފްކޯއިންވަނީ މަސްގަތުން 5 ޓަނަށް ކޮންޓްރޯލް ކޮށްފައެވެ. އެފަހަރުވެސް މަސްކިރުމަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން މިފްކޯއިން ބޭރުން ބޯޓެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންވެސް ވަނީ ވިދާޅުވެފައެވެ.