English Edition
Dhivehi Edition

ހިޔާ ފްލެޓްތަކުގެ ވެރީންގެ ކަންބޮޑުވުންތައް އަނެއްކާ ވެސް މާލޭ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކޮށްފިއެވެ.

އެ ޔޫނިއަނުން ބުނީ މިފަހަރުގެ ބައްދަލުކުރެއްވުމުގައި އެންމެބޮޑު އިސްކަމެއް ދިނީ މި ރަމަޟާން މަހާއިދިމާކޮށް ހިޔާ ފްލެޓުތަކުން ކުލި ނަގަން ފެށުން ކަމަށެވެ. އަދި ފެށުނީއްސުރެ އަދާހަމައަށް ވެސް ހައްލުނުވެ ވަރަށް ގިނަ ކަންކަން ހުރުމާއިއެކު އެކަންކަން ވެސް މޭޔަރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ހިޔާ ޔޫނިއަންގެ ރައީސް އަމްޒަލް (އަމްޒޭ) އޭއޯ ނިއުސްއަށް ވިދާޅުވީ މިފަހަރު ވެސް މާލޭ ސިޓީ މޭޔަރ، ހިޔާ ފްލެޓްވެރީންގެ ކަންބޮޑުވުންތައް ވަރަށް ކަނުލައި އަޑުއެއްސެވި ކަމަށެވެ.

“އަޅުގަނޑުމެންގެ އެންމެބޮޑު ކަންބޮޑުވުމަކީ މި ރޯދަމަހު ކުލިނަގަން ފެށުން. ހިޔާ ފްލެޓް ސަރަޙައްދުގައި ސަރުކާރުން މަގުތައް ހަދާފައި ވަނީ ރައްޔިތުންނަށް އެތައް ގޮތަކަށް އުނދަގޫ ވާ ގޮތަށް. މިސާލަކަށް މަގު ހަދާ އެތަން ބޭނުން ކުރަން ފަށާފައި ވާއިރު އެމަގުތަކުގައި ސްޓްރީޓް ލައިޓެއް ނެތް. އަދި ފައި މަގުގައި އުޅޭ މީހުން ހިނގުމަށް މަގުގެ އެއް ފަރާތުގައި ޕޭވްމެންޓެއް ވެސް ނެތް.” އަމްޒޭ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަގުތަކުގައި އެއްވެސް ރޯޑް މާކިންގއެއް ނެތުމުގެ ސަބަބުން މަގުތަކުގައި ޕާކު ކުރުމުގައި އެއްވެސް އުސޫލެއް ނެތް ކަމަށާއި އެޗްޑީސން ކުނި ނެގުން ހުއްޓާލަން ނިންމާފައިވާއިރު، މިއީ މަގުތަކުގައި ކުނިތައް ގިނަވެ، ނަޖިސްވަމުންދާކަމުގެ ކަންބޮޑުވުމެއްކަން މޭޔަރާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އަމްޒޭ ވިދާލުވީ ފިނިޝިންގ ނުނިންމާ ރައްޔިތުންނާއި އެތަން ހަވާލު ކުރުމުން އެތަނުގައި ދިރިއުޅޭ މީހުންގެ އަތުން ބޮޑު ޚަރަދުތަކެއް ކުރިނަމަވެސް މިކަމަށް ސަރުކާރުން އެއްވެސް ލުޔެއް ދީފައިނުވާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ވެރީންގެ މި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަމަށް ހައްލެއް ގެނެސްދިނުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރ ޑރ. މުޢިއްޒު ވިދާޅުވި ކަމަށް ވެސް އަމްޒޭ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހިޔާ ޔޫނިއަންގެ ފަރާތުން ބައިވެރިވީ ހިޔާ ޔޫނިއަންގެ ރައީސް އަމްޒަލް އާއި އެ ޔޫނިއަންގެ ފައިނޭންސް އޮފިސަރ އަބްދުއް ސައްތާރުއެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި މީގެކުރިން ވެސް އެކި ފަހަރުމަތިން މާލެ ސިޓީގެ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށާއި ފިނިޝިންގ ނިންމަން ކުރިން ސަރުކާރުން ދީފައިވާ މުއްދަތު އިތުރު ކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ހިޔާ ފްލެޓްގެ ކުލި ނަގަންފަށާ މުއްދަތު އިތުރު ކޮށްދިނުމަށް ވެސް މޭޔަރު ވަނީ ރަސްމީކޮށް ސަރުކާރުގައި ދަންނަވާފައެވެ.

“ހިޔާ ޔޫނިއަން” އަކީ ހުލުމާލޭ ފޭސް 2 ގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ވެރީންގެ ހައްގުގައި ވަކާލާތުކޮށް، އެ މީހުންގެ އަޑު ކަމާއިބެހޭ އިދާރާތަަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.