English Edition
Dhivehi Edition

މާތް ﷲ ކޮންމެ އަޅުކަމެއް ވެސް ޝަރުޢު ކުރައްވަވާފައިވަނީ އޭގައި ނުހަނު އަގުހުރި ޙިކުމަތްތަކެއް ލައްވަވާފައެވެ. އެގޮތުން ރަމަޟާން މަހު ރޯދަ އަކީ ވެސް އޭގައި ގިނަ ޙިކުމަތްތަކެއް ލައްވާފައިވާ އަޅުކަމެކެވެ. އެގޮތުން ރޯދައަކީ އެކަލާނގެއަށް ތަޤްވާވެރިވުމުގެ ގޮތުން މާތް ﷲ ފަރުޟުކުރެއްވި އަޅުކަމެކެވެ.

ރޯދަ ހިފުމަކީ މާތް ﷲ އަށް ތަޤުވާވެރި ވުމުގެ ގޮތުން އަދާކުރާ އަޅުކަމަކަށް ވާއިރު، މިމަތިވެރި ޙިކުމަތް ބަޔާންކުރައްވަމުން ރޯދަ ފަރުޟުކުރެއްވިކަން އެންގެވި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

“يَاأَيُّهَا الَّذِيْنَ ءَامَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَي الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ” ( البَقَرَة 185 )

މާނައީ : “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން ، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”

މިމަތިވެރި ޙިކުމަތް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

“الصَّومُ جُنَّةٌ” (البخاري و مسلم )

” ރޯދައަކީ ރައްކާތެރި ކަމެކެވެ.”

ޝައްކެއް ނެތްގޮތުގައި މިއީ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. އެހެނީ ރޯދައަކީ ހުރިހާ މާނައެއްގައިވެސް ރައްކާތެރި ކަމެކެވެ.

އަލްއިމާމުލް ބުޚާރީއާއި އަލްއިމާމުލްމުސްލިމް ރިވާކުރައްވާފައިވާ ޤުދުސީ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. “އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއް ވަނީ އޭނާއަށެވެ. ރޯދަ މެނުވީއެވެ. ފަހެ ހަމަކަށަވަރުން ރޯދައަކީ ތިމަން ﷲ އަށް ޚާއްޞަ އަޅުކަމެކެވެ. އަދި އެއަޅުކަމުގެ ޖަޒާ އޭނާއަށް ދެއްވާނީ ތިމަން ﷲ އެވެ. އޭނާ ކެއިންބުއިމާއި ޝަހުވާނީ އެދުންތަކުން ދުރުހެލިވެހުރީ ތިމަން ﷲ އަށްޓަކައެވެ.”

އަލްއިމާމުއިބްނު ޤައްޔުމް ވިދާޅުވެފައިވެއެވެ. ރޯދައިގައި އާދަޔާޚިލާފު ތާސީރެއް ހުރެއެވެ. ރޯދަވެރިޔާގެ އުޅުމަށް ވަރަށްބޮޑު ބަދަލުތަކެއް އާދެއެވެ. ރޫޙާނީ ބާރު ގަދަވެއެވެ. ފާސިދު ޢަމަލުތަކުން ސަލާމަތްކޮށްދެއެވެ. ޞިއްޙީ އެތައްފައިދާތަކެއް ރޯދައިގައި އެކުލެވިގެންވެއެވެ. އަދި ތަޤްވާވެރިވުމަށް އެންމެބޮޑަށް އެހީތެރިވެދޭ އަޅުކަމަކި ރޯދައެވެ.”

ރޯދައަކީ އިންސާނާގެ ޞިއްހަތު ސަލާމަތުން ބަހައްޓައިދޭ ބާރެކެވެ. އަދި ރޯދައިގައި ގިނަގުނަ ރޫޙާނީ ފައިދާ ތަކެއް ވެސް އެކުލެވިގެންވެއެވެ.

އަލްއިމާމުލް ބުޚާރީއާއި އަލްއިމާމުލް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

لِلصَائِمِ فَرْحَتَانِ فَرْحَةٌ عِنْدَالَإِفْطَارِ وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ

މާނައީ: ރޯދަވެރިޔާއަށް ދެއުފަލެއް ވެއެވެ. އެއީ ރޯދަ ވީއްލާ ވަގުތުގެ އުފަލާއި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާހިނދު އޭނާއަށް ލިބޭ އުފަލެވެ.”

މީގެ އިތުރުން ރޯދައަކީ ސުވަރުގޭގެ މަތިވެރި މަޤާމުތަކަށް މީހާ ވާޞިލްކޮށްދޭ އަޅުކަމެކެވެ. އަދި ރޯދައަކީ ހިތްވަރާއި ޢަޒުމް ވަރުގަދަކޮށްދޭ ވެސް އަޅުކަމެކެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. ” مَنْ صَامَ يَوْمًا فِى سَبِيْلِ اللَّه بَاعَد اللّهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا ” (رواه البخاري ومسلم) މާނައީ: “މީހަކު އެންމެ ދުވަހަކު ވެސް ﷲއަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތްﷲ ދުރުކުރައްވާނެއެވެ.”

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވިއެވެ. ” إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أَغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدٌ ” (رواه البخاري ومسلم) މާނައީ: ” ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެދޮރުކޮޅަށް އައްރައްޔާން އޭ ކިޔެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން ރޯދަވެރިން ފިޔވައި އެހެން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ.”

މިޙަދީޘްފުޅުތަކުން ވެސް އެނގެނީ ރޯދައަކީ ވަރަށް މަތިވެރި އަޅުކަމެއްކަމެވެ. ރޯދަ ހިފުމުން ލިބޭ މަތިވެރި ޘަވާބާއި ދަރުމަ ގިނަގުނަ ކަމެވެ. ރޯދަވެރިންނަށް ޚާއްސަވެގެންވާ ދޮރުކޮޅެއް ސުވަރުގޭގައި ލެއްވުމަކީ ރޯދައިގެ މަޤާމް އަންގައިދޭ ކަމެއްމެއެވެ.