English Edition
Dhivehi Edition

އޭނާ އެއަންހެންމީހާގެ ކިބައިން އާދިލާ ސަލާމަތްކޮށްގެ ތަންކޮޅަށް ދުރަށް ގޮސް ބުންޏެވެ. ” އެއީ ޕްރިންސެސް މޯލްޑިވްސްގެ ނަމުން މަޝްހޫރު ވެފައިވާ އަންހެނެއް. އެއުޅެނީ އޭނާ ކުރި ކަނޑު ދަތުރެއްގައި ހޮޑުލެވުނު ވާހަކަ ކިޔާ ދޭން. އެ ހިނގަނީ އެންމެންގެ ގާތު އެވާހަކަ ބުނަމުން”.

” އަހަރެންވެސް ތިޔަކަމާ އެބަ ކަންބޮޑުވޭ. ” އާދިލާ ބުންޏެވެ. ” އަހަރެންވެސް ކަނޑުމައްޗަށް ވަރަށް ބަލިވާނެ”.

” ތިއަކީ އެއްވެސް ކަމެއް ނޫން. މީގައި ހުންނާނެ ތިޔަކަމަށް ވަރަށް މޮޅު ޑޮކްޓަރެއް. މިވަގުތު ވަރަށް ބިޒީ އިނގޭ!” އޭނާ ދަމުން ބުންޏެވެ. ” އަދި ބައްދަލުކޮށްލަންވާނެ ދޯ؟. ޕާޓީގެ ފަހުން ދޯ؟”.

” އާނ ” އާދިލާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

އޭނާއާ އަޅާލާނެ އެކަކު ނަމަވެސް މި ބޯޓްގައި ހުރީތީ އުފާވިއެވެ. އެވަގުތު އޭނާގެ ފުރަގަހުން މީހަކު ބުނި އަޑު އިވުނެވެ.

” ހާދަ ރީއްޗޭ. އަދި ކިރިޔާ ޗާލުކަން މި ފެނުނީ. މަގޭ ހިތަށް އަރާ ކަލޭމެން ކަހަލަ ރީތި ކުދީން ޝާން މި އަތުލައިގަންނަނީ ކިހިނެއް ބާއޭ.”

އާދިލާ އެނބުރި ބަލާލިއިރު އެއީ ކޮންމެވެސް ތަނަކުން އޭނާ ދެކެފައިވާ މީހެއްހެން ހީވިއެވެ. މިއީ އަނެއްކާ ރިޕޯޓަރެއް ނޫންބާއެވެ. އޭރު އެއައި މީހުންގެތެރޭގައި މީނަ ހުރިހެން ހީވެގެންނެވެ.

” އަޅުގަނޑަކީ ވަގުތީ ސެކެޓްރީއެއް”. އާދިލާ އަވަހަށް ސީރިއަސް ވެލާފައި ޖަވާބު ދިނެވެ.

” އެހެންދޯ؟ ހުދު ފިނިފެންމާ ރީތިވާ ސެކްރެޓަރީ ދޯ؟ ކުރީ ދުވަހަކު ޝާން ހުވާކޮށްފައި ބުނި. އަންހެންކުއްޖަކު ސެކެޓްރީ އަކަށް ނުގެންނާނަމޭ. އެކަމަކު ކަލެއާ ޖެހުނީމާ އޭނާގެ ހުވާގެ މަތީން ހަނދާންނެތުނު ސަބަބު މިހާރު އެނގިއްޖެ”.

” ތީ އަނެއްކާ ރިޕޯޓަރެއްތަ؟” އާދިލާ ޔަގީން ކޮށްލުމަށް އަހާލިއެވެ.

” ތިޔަ ޕަރީޒާދާއަށް މީހުންގެ މޫނަށް ބަލާފައި އޭނާގެ ވަޒީފާ ވެސް އެނގިވަޑައިގަންނަވާ ދޯ؟”.

އެކަމަކު ބަލާ ބެލުމަށް އޭނާ ފެންނަނީ އެހެންވެސް ޕަސެންޖަރެއް ހެންނެވެ. އޭނާ ލައިގެން ހުރީ އަގުބޮޑު ސަފާރީއެކެވެ. އާދިލާއަށް އޭނާ ވައްތަރީ ސިރާޖް އާއެވެ. ކާވެނި އޮތްރޭ ސިރާޖްގެ ކިބައިން ފެނުނު ކަހަލަ އަމިއްލަ އެދުން ބޮޑު މީހެއްގެ ސިފައެވެ. އެއީ ސިރާޖްއާ އޭނާ ރައްޓެހިވިއިރު ނުދެކޭ ސިފައެކެވެ.

” ނާ ، ތިއީ ޝާންގެ ރައްޓެއްސެއްތަ؟” އާދިލާ ސުވާލު ކޮށްލިއެވެ.

” އަލީ އަފީފަކީ އަހަންނާ ވަރަށް ގިނައިން ދިމާވާ މީހެއް.” ޝާން އެތަނަށް ވަޑައިގެންނެވިކަން އާދިލާއަށް އެނގުނީ މިހެން ވިދާޅުވި އަޑަށެވެ.

” އަހަރެންގެ ސެކްރެޓަރީއާ ގުޅުން ބަދަހިކޮށްލާކަށް ކަލޭ މާގިނަ އިރެއް ނުނަގާނެކަން ކުރިންވެސް އެނގޭ”

ޝާން މިހެން ވިދާޅުވި ގޮތުން އެކަމާ އެބޭފުޅާ ހިތްޕުޅާ ހަމަ ނުވިކަން އާދިލާއަށް ވިސްނުނެވެ

” ލަރީސާ މި ދަތުރު ނާންނާތީ ޝާން އުފާކޮށްލާނެ ގޮތެއް ތިޔަ ހޯއްދެވީތާ އެހެންނު ވާނީ ދެކުދިންނަށްވެސް ހުދުފިނިފެންމާ ރީތިއްޔާ!”

އޭނާ އަދިވެސް ދުލެއްނުކުރެއެވެ.

” ލަރީސާ ވެސް ދަތުރުގެ ވަކި ހިސާބަކުން މިއަށް އަންނާނެ ދެއްތޮ”

” ކަލޭ މީހުންގެ ޒާތީ ކަންތަކާ ބެހެން އެހެން ދިމާއަކަށްދާން އުޅޭ. މީގައި މިތިބަ ޕަސެންޖަރުންނަށް ކަލޭގެ އުނދަގޫ ފޯރުވަން ނޫޅޭ. މި ބުނި އެއްޗެއްގެ އަޑު އިވިއްޖެތަ؟”

“އާދެ އާދެ! އަޅުގަނޑު ބަލަން އުޅުނު ކަންތައް ފެނިއްޖެ.”

“ކަލޭ ތީ ކާކުތަ؟”. އާދިލާވެސް ނުރުހިފައި އަހާލިއެވެ. ” މަ ހީކުރީ މީނަވެސް މީ މިއިން ދަތުރުކުރާ ޕަސެންޖަރެއްކަމަށޭ “.

” ތިޔަ ހީވީ ހަމަ ރަނގަޅަށް ، މަވެސް މީ ހަމަ ޕަސެންޖަރެއް.”

މިހެން ބުނެފައި އޭނާ ހީނލިގޮތުން އޭނާ އަކީ މީހުންގެ އަޑި ހާވާ ފާޑުގެ މީހެއްކަން އެނގުނެވެ. ކުރިން އެކަން ނުވިސްނުނީތީ ދެރަވިއެވެ.

“ކަލޭ އަދި މީނައަށް ކިޔާނުދީހުރި ލައްކަވާހަކަ އެބަހުރިތާ. އާދިލާ! މިއީ އެބުނާ މަޝްހޫރު އަލީ އަފީފަކީ. މީހުންގެ ޒާތީވާހަކަ ހަދަހަދައިގެން ލިޔަން މިވަރުގެ މީހަކު ތާނކު ނު ހުންނާނެ. “

އަފީފް އާދިލާއަށް ބަލާލާފައި އެއްލޯ މަރާލާފައި ހީނލިއެވެ.

” ނޫހަށް އަރާފާނެތީ ތިބޭފުޅާގެ ސެކެޓްރީ ހާދަ ބިރެއްގަނޭތާ. އަވަހަށް ކަނޑުގެ ތާޒާވައި ލިބޭ ހިސާބަކަށް އޭނާ ގޮވައިގެން ވަޑައިންނަވަންވީނޫންތޯ؟”

މިހާ ހިސާބުން އާދިލާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ އެތަނުން ދުރަށް ގޮސް މޫދު ފެންނަ ހިސާބުގައި ހުރި ގަހެއްގައި ލެނގިލައިފިއެވެ. އޭނާ އަށް މި ހަދާލެވުނު ގޮތުން އަފީފަށް މި ދެވުނީ އިތުރު ފުރުސަތެކޭ އޭނާގެ ހިތަށް އެރީ މާ ފަހުންނެވެ. އޭނާ އެނބުރި ބަލާލިއިރު މިހުރެވުނީ އެކަންޏެއްވެސް ނޫންކަން އެނގުނެވެ. އޭރު އޭނައާ ދާދި ގާތުގައި ޝާން ވެސް ހުންނެވިއެވެ.

” އަހަރެން ފުރަތަމަ ހީކުރީ އަފީފް ކަލޭ ލައްވާ ޖާސޫސް ކުރުވަން އުޅުނީ ކަމަށް އަފީފަކީ ޒުވާން އަންހެން ކުދިން އޭނާގެ މަޅީގައި ޖައްސާލުމަށް ވަރަށް ކުޅަދާނަ މީހެއް.”

” ތިޔަހެން ހީފުޅު ކުރެއްވީތީ ދެރަވެއްޖެއިން.” އާދިލާ ނުރުހުން ވިއެވެ.

” ލަރީސާ މި ދަތުރުގައި ބައިވެރި ނުވާތީ އޭނާ އެ އުޅެނީ ލިޔެލާނެ މޮޅު ވާހަކައެއް ނުލިބިގެން. އެހެންވެ ކަލޭ އޮބައިގަނެގެން އޭނާ އެއުޅެނީ. މި ހުރިހާ ރިޕޯޓަރުންވެސް ދަންނާނެ އަހަރެންގެ އެއްވެސް ކަމެއް ސެކެޓްރީއަކަށް ފޮރުވާފައި ނޯންނާނެކަން. އެމީހުން ކަލޭގެ ފަހަތުން އަޅުވާލީ އަހަރެންގެ ސެކްރެޓަރީއަކީ ކަލޭކަން އެނގުނީމަ .”

” ކުރިއަކު ތިޔަ ވާހަކައެއް ވިދާޅެއް ނުވަމު ނޫންތޯ؟ “

“އަހަރެންގެ އަމިއްލަ ކަންކަމުގެ ވާހަކަ ދައްކަން ބޭނުން ނުވަނީ .”

” އަފީފުމެނަށް އެގޮތަށް ނޫސްތަކުގައި ދޮގު ވާހަކަތައް ޖަހަން ކެރެނީ ކީއްވެތޯ ؟”

” އޭނާއަށް ހިލޭ ދަތުރެއް ދީ އޭނާ ބޭނުން ވަރަކަށް ފައިސާ ދީފިއްޔަކާ އެއިން އެއްވެސް ވާހަކައެއް ނުޖަހާނެ. މިހެން އުޅެއުޅެ އަހަރެންގެ ގައިގެ ހަން ވަރަށް ބޯވާނެ. އަހަރެން ކަންކުރާނީ އެމީހުންނަށް އޮޅުން އަރާނެހާ ގޮތް ގޮތަށް. ދެން އެހެން އުޅެފައި އެމީހުން ދަށުވާ ކަހަލަ އެއްޗެއް ލިޔެލާއިރަށް ފޮނުވާނީ ކޯޓަށް. “

ޝާން އެއްސެވިއެވެ. “އޭނާ އެއީ ރިޕޯރޓަރެއްކަން އެނގުނީމަ ކަލޭ ތިޔަވަރަށް ކަންބޮޑުވަނީ ކީއްވެތަ؟”

“ނޫސްތަކުގައި މީހުން ޒާތީ ކަންތަކާ ބެހޭގޮތުން ދޮގުވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ނަފްރަތު ކުރާކަމެއް”. އާދިލާ ނުރުހުންވެފައި ބުންޏެވެ.” އެކަހަލަ ވާހަކަތައް ލިޔާ މީހުން ދެކެ ވަރަށް ފޫހިވޭ. މީހަކު ސައެއް ދޭއިރަށްވެސް އަނެކާގެ ދިރިއުޅުން ހަލާކު ކޮށްލާކަށް ފަހަކަށް ނުދާނެ. އެއީ އަޅުގަނޑު ވަރަށް ނަފްރަތު ކުރާކަމެއް.”

” އެއްފަހަރަކު ތައުފީގު އަހަރެންގެ ގާތު ކަލޭގެ ވާހަކަ ދެއްކިއެވެ. ކަލޭ ދިރިއުޅެނީ ވަރަށް އިހުގެ މުސްކުޅި ގެއެއްގަ ދޯ.”

“އާދެ”

” އެހެން ވިއްޔާ ކަލޭގެ ވެސް ހުންނާނީ ބޯދާ ޚިޔާލު ދޯ؟” ޝާން މިހެން ވިދާޅުވިއިރު އޭނާގެ މަލާމާތުން ފުރިފައިވާ ލޯފުޅު ހުއްޓިފައިވަނީ އޭނާ ލައިގެން ހުރި ފާސް ކުރި ހެދުމަށް ކަން އާދިލާއަށް ފާހަގަ ކުރެވުނެވެ.

” އަޅުގނަޑުވެސް ޒަމާނީ ހެދުމެއްގައި ހުރި ނަމަ ތިޔަހެން ވިދާޅު ނުވާނެކަން އެނގޭ”.

” ގަދަރުވެރި ދިރިއުޅުމެއް އުޅޭނަމަ ކޮންމެ ކަހަލަ ހެދުމެއް އެޅިޔަސް އަހަރެންގެ މަސްއަލައެއްނެތް. މީހެއްގެ ހަގީގަތް އެނގޭނީ އެމީހެއްގެ އަސްލު ގޮތުގަ ފެނުނީމަ “. ޝާންގެ އަޑުފުޅުގައި ވަނީ އިޚްލާސް ތެރި ކަމެވެ

” އެހެންވީއިރު ތިޔަ ބޭފުޅާ އާދައިގެ ހެދުމެއް އަޅުއްވަފާނަންތޯ. މިސާލަކަށް މުންޑާ ބޮޑު ގިރުއާނުލީ ގަމީހެއް؟”” އަހަރެންނަކީ މާ މޮޅެތި ހެދުން އަޅާ ހިތްވާ މީހެއް ނޫން. ” ޝާން އާދައިގެ ގޮތަކަށް ވިދާޅުވިއެވެ. ” މިހާރު އަހަރެން ދާން ވެއްޖެ. ކަލޭ ބޭނުމިއްޔާ ކޮޓަރިއަށް ދިޔަޔަސް ހެޔޮ”.
“އަޅުގަނޑު ދާނީ އަދި އިރުކޮޅަކުން.”

މިހެން ދަންނަވާފައި ބަލާލި އިރު އަލީ އަފީފް އެއްކަލަ މުސްކުޅި އަންހެން މީހާއާ ވާހަކައެއް ދައްކަނީކަމަށް ހެދިގެން ޝާން އާއި އޭނާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. މިތަން ޝާން އަށް ވެސް ފެނިވަޑައި ވަޑައިގެންފިއެވެ. އެވަގުތު ޝާން އޭނާގެ އަތުގައި ހިއްޕެވި ގޮތުން ކިތަންމެ އަޒުމުވަރުގަދަޔަސް، ލެޔާއި މަހުން އުފެދިފައިވާ އަންހެނެއްނަމަ އޭނާއަށްޓަކައި ހިތް ލެނބިގެންދާނެ ކަން ކަށަވަރެވެ. އަމުދުން އާދިލާވަރުގެ ޒުވާން އަންހެންކުއްޖަކަށް އެކަމުން އަސަރެއް ނުކޮށް ހުރެދާނެ ހެއްޔެވެ؟

“ކަލޭ ރުޅި ނާންނާތި. މިއީ މިވަގުތު ކޮށްލަން ޖެހޭ ކަމެއް.” މިހެން ވިދާޅުވެފައި އާދިލާގެ ތުންފަތުގައި އިނގިލިފުޅު ހާއްކަވައި ލެއްވިއެވެ. އޭރު މި މަންޒަރު ވަރަށް ރަނގަޅަށް ބަލަހަށްޓައިގެން އަލީ އަފީފް ހުއްޓެވެ.

ޝާން ވަޑައިގަންނަވަމުން އޭނާގެ ޚާދިމަށް ކޮންމެވެސް އެއްޗެއް އެންގެވިތަން ފެނުނެވެ. އާދިލާ އެތަނުގައި ތިބި އެހެން ޕަސެންޖަރުންގެ ތެރޭގައި މަސްހުނިވެގެން އުޅޭތާ ގަޑިއެއްހާ އިރު ފަހުން ޝާންގެ ޚާއްސަ ޚާދިމު ޅަހުއްތު އައިސް އާދިލާގެ ގާތަށް ހުއްޓުނެވެ.

” ކަމެއް އޮތީތަ؟ ޝާން އެއްޗެއް ވިދާޅުވީތަ؟”

“ނޫން ކަމަނާ! ” އޭނާ މި ފަހަރު ވާހަކަ ދައްކަނީ މާ ބޮޑަށް އަދަބުވެރި ކަމާއެކުކަން އާދިލާއަށް ފާހަގަ ކުރެވުނެވެ.

” ކަމަނާގެ ފޮށިކޮޅާއި އެހެނިހެން އެއްޗެހި އެންމެ ޝަރަފުވެރި ކޮޓަރިކޮޅަށް ގެންދެވުނު ވާހަކަ ދަންނަވަން މިއައީ. “

” އެންމެ ޝަރަފުވެރި ކޮޓަރި ކޮޅަށޭ” އާދިލާ ހައިރާން ކަމާއެކު އަހާލިއެވެ. ” އެކަމަކު ، އެއީ ކީއްވެތަ؟ “

” މީހަކު ނޫޅޭ ކޮޓަރިއަކަށް އެހާ ގިނަ ފިނިފެންމާތައް އަޅައި ބޭކާރު ކޮށްލަން ޝާން ބޭނުންފުޅު ނުވީ .”

ޅަހުއްތުގެ މޫނުގެ ރޫތައް އޭނާ ހީނލުމުން ވަކީން އިތުރުވެގެން ދިޔައެވެ. މި ކަމުން އެނގޭ އެއްޗަކީ މި ދަތުރުގައި ލަރީސާ މި ބޯޓަށް ނާންނާނެކަމެވެ. އާދިލާ ޅަހުއްތުއަށް ޝުކުރު އަދާކޮށްފައި ހިނގައިގަތެވެ. އާދިލާ އެނބުރި ބަލާލި އިރު އަލީ އަފީފް ހުރީ ޅަހުއްތުއާ ވާހަކަ އަޅުވައިގެންނެވެ. މި ތަން ފެނުމުން އާދިލާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. އޭރު އަފީފްގެ މޫނުމަތީން ފެންނަން ހުރީ މޮޅު ޚަބަރެއް ލިބިއްޖެކަމުގެ ކުލަތަކެކެވެ. އަދި އޭނާގެ ހަރަކާތްތަކުން ހީވަނީ އޭނައަށް ހުރިހާ ކަމެއްވެސް އޮޅުން ފިލައިފި ހެންނެވެ.

އެ ކޮޓަރިކޮޅަށް އޭނާ ބަދަލު ކުރެވުނީ ޝާންގެ ހިތްޕުޅުގައި އޭނާއާމެދު އޮތް ގަދަރެއްގެ ބޮޑުކަމުން ނޫންކަން އާދިލާއަށް ވިސްނުނެވެ. ޝާން އެހެން ހެއްދެވުމުގައި ފޮރުވިފައިވާ ކޮންމެވެސް މަގްސަދެއް އޮންނާނެކަން އޭނާ އަށް ވިސްނުނެވެ.

ޗެޕްޓަރ 2

އޭގެ އަނެއްދުވަހު ހެނދުނުގެ ސައިގަޑީގައި ވަރަށްގިނަ ބައެއްގެ ނަޒަރު އާދިލާގެ މައްޗަށް ހުއްޓިފައިވާތީ ފެނުނެވެ. އެ ދުވަހުގެ ދެން އޮތް ބައިގާ ކުރަންޖެހުނު މަސައްކަތް ގިނަކަމުން އޮފީހުން ނުކުންނާނެ ދަނޑިވަޅެއް ނުލިބުނީތީ އާދިލާ އިނީ ވަރަށް ފޫހިވެފައެވެ. ތައުފީގުބޭގެ ފައިލިންގ ސިސްޓަމްގެ ފުރިހަމަ ކަމުން އޭނާގެ މަސައްކަތަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބުނެވެ. އެ ފައިލްތަކުގައިވާ ވިޔަފާރި އާ ބެހޭ ހުރިހާ މަސްއަލަތަކެއް ހައްލުކޮށް ،ޝާން ނައިފަރުގައި ދެއްވަން ޖެހޭ ތަގްރީރު ލިޔެ ތައްޔާރު ކޮށް ނިންމާލެވުނު އިރު މަސައްކަތް ބުރަވާނެކަމަށް ޝާން އެ ވިދާޅުވި ވިދާޅުވުމަކީ ހަމަ ހަގީގަތެއްކަން އޭނާއަށް ވެސް ގަބޫލު ކުރެވުނެވެ.

ހަވީރުއަތަށް އަޅާލުމުން އާދިލާގެ ބޮލުގައި ފާޑަކަށް ރިއްސަން ފަށައިފިއެވެ. އަދި ބަނޑުގައި އުފެދެން ފެށި އުނދަގޫދޭ ރާޅު ބާނި ތަކަކީ އޭނާއަށް ހީކުރެވުނު ގޮތުގައި މެންދުރު ނުކައި ހުރުމުގެ ސަބަބުން ވާންފެށި އުނދަގުލެކެވެ. އެހެންކަމުން ލުއި ކާނާއެއް ކާލުމުން ރަނގަޅުވެދާނެ ކަމަށް ހީކުރެވުނެވެ. ސައިތަށްޓަކާއެކު ސެންޑވިޗެއް ކެއުމަށްފަހު އޭނާ ގަސްދު ކުރީ ކޮޓަރިއަށް ގޮސް ކުޑަކޮށް އަރާމު ކޮށްލުމަށެވެ.

އަނެއްދުވަހު ހެނދުނު ހޭލެވުނު އިރުވެސް ބޮލުގައި ހުރި ރިއްސުމެއް ކުޑައެއް ނުވެއެވެ. ތެދުވާން ކަމަށް ހީކޮށް ދޫލަމަތީގައި ފައި ޖައްސާލިތަނާ ބޮލަށް އެނބުރުން އަރައިފިއެވެ. ގަޑި ބަލާލިއިރު 8:30 ވަނީއެވެ. ދެން ހިއްވަރު ކޮށްލާފައި ގޮސް މޫނު ދޮވެ ހެދުން ބަދަލު ކޮށްފިއެވެ. އޭރު އޭނާގެ ފަޔެކޭ ހަލުވިދާ ކޮޅެކޭ އެއްގޮތެވެ. ބޮލަށް ކޮށްލެވޭ ކޮންމެ ހަރަކާތަކާއެކު ކަނދުރާއަށް ހީވަނީ ރާޅުބާނިތަކެއް އަރައިގަންނަ ހެންނެވެ.

އޮފީހަށް ވަން އިރު ކުރަންޖެހޭ މަސައްކަތުގެ ނޯޓެއް ބާއްވާފައި ޝާން ބޭރަށް ވަޑައިގެންފިއެވެ. އޭނާ މިފަދަ ހާލެއްގައި ހުއްޓާ ޝާން އަށް ފެނިވަޑައި ނުގެންނެވި ކަމަށްޓަކަށް ހާސްފަށުން ޝުކުރުކުރެވުނެވެ. އޭނާ ގަސްދު ކުރީ ޑޮކްޓަރަށް ދިއުމަށެވެ. ބޭހެއްކާލަނިކޮށް މަސައްކަތް ކުރެވޭވަރު ވެދާނެއެވެ. މި ޚިޔާލުގައި ހުރެ އޭނާއަށް ނުކުމެވުނީ އަލީއަފީފްގެ ކުރިމައްޗަށެވެ. ” ކޮއިފުޅާ!. ކަލޭގެ ދުވަސް ތި ދަނީ ނޫންތަ؟ ތިހާ ބުރަކޮށް މަސައްކަތް ކުރާކަށް ނުވާނެ އިނގޭ!.”

” އަހަރެން މިއުޅެނީ ބޮލުގަ ރިއްސާތީ މިހާރުވެސް. .” ޢާދިލާ ބުންޏެވެ. ” ކަލޭ ކޮންމެހެން އަހަރެންގެ ބޮލުގެ ރިއްސުން އިތުރުކުރަން އުޅޭނެ ކަމެއްނެތް.”

” ތިޔަ ބޮލުގަރިއްސުމަށް އަހަރެން މޮޅު ބޭހެއް ދީފާނަން. އާދޭ މަށާއެކު.”

-ނުނިމޭ-