English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކަރިމް ބެންޒެމާގެ ހެޓްރިކާއި އެކު އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް، ރެެއާލް މެޑްރިޑުން ސެމީ ފައިނަލާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ޗެލްސީއާއި ދެކޮޅަށް ކުޅުނު މި މެޗުން ރެއާލް މެޑްރިޑް މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން މެޗުގެ ކުރީކޮޅު ކައުންޓަ އެޓޭކެއްގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ރެއާލް އަށް ލިބުނެވެ. ވިނީޝިއުސް ޖޫނިއާ އަށް ލިބުނު ބޯޅަ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ރެއާލުން މެޗުގެ ލީޑު ނެގީ މެޗުގެ 21 ވަނަ މިނެޓުގައެވެ. މި ލަނޑު ބެންޒެމާ ކާމިޔާބު ކޮށްދިންއިރު، މި ލަނޑު އޭނާ ޖެހީ ވިނީޝިއުސް ނެގި ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ރެއާލް އިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރިއިރި، މި ލަނޑުވެސް ލުކަ މޮޑްރިޗްގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާއެވެ.

ރެއާލްގެ ދެވަނަ ލަނޑަށް ފަހު ޗެލްސީން ނަތީޖާ އަނބުރާ ލެވޭތޯ ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ފުލުފުލުގައި ރެއާލްގެ ގޯލަށް ހަމަލާ ދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާ އުންމީދު އާ ކޮށްފައެވެ. ހަވާޓްޒްގެ ލަނޑުން ޗެލްސީން އުންމީދު އާ ކުރި ނަމަވެސް ފަހުހާފަށް ކުޅެން އަރައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރެއާލުން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ދެވަނަ ފަހަރަށް ލީޑު ފުޅާކޮށް ފައެވެ. މި ލަނޑުވެސް ކާމިޔާބު ކޮށްދިނީ ބެންޒެމާއެވެ. މި މެޗުގައި ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، މިއީ ރެއާލް ކުޅުންތެރިއަކު ޗެލްސީ ކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެ ވަނަ ލެގުގައި ފްރާންސްގެ ޕީއެސްޖީ ކަޓުވާލި މެޗުގައި ވެސް ބެންޒެމާ ވަނީ ހެޓްރިކް ހަދާފައެވެ. އެހެން ކަމުން ރޭގެ މި މެޗުގައި ބެންޒެމާ ހެދި ހެޓްރިކާއި އެކު އޭނާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ނޮކައުޓް ބުރުގައި ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކް ހެދި ދެ ވަނަ ކުޅުންތެރިޔާ އެވެ. މިކަން ކުރި ފުރަތަމަ ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ މިކަން ކޮށްފައިވަނީ ރެއާލް މެޑްރިޑުގައި ކުޅުނު ދުވަސްވަރުގައެވެ.

ރެއާލް އަދި ޗެލްސީ ބައްދަލުކުރާ ކުއާޓާ ފައިނަލްގެ ދެވަނަ ލެގު ކުޅޭނީ މި މަހުގެ 13 ވަނަ ދުވަހުގައެވެ. މި މެޗު ކުޅޭނީ ރެއާލްގެ ދަނޑުގައެވެ.