English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އަދި މީރު ކުޅިއެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ފުށްޖެހި ކަވާބް” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާ ތަކެތި:

3 އަލުވި (މެދުސައިޒްގެ) ފެނުކައްކާފައި

1 މަސްދަޅު

2 ފިޔާ ތުނިކޮށް ކޮށާފައި

1/2 މޭޒުމަތީ ސަމުސާ އިނގުރު ގާނާފައި

1/2 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

ލުނބޯ ހުތް ރަހަލާވަރަށް

1 މޭޒުމަތީ ސަމްސާ ގިތެޔޮ މިރުސް ހިމުންކޮށް ކޮށާފައި

1 ޖޯޑު ފުށް

1 ސަމްސާ ރީނދޫ

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް:

ފެނުކައްކާފައި ހުރި އަލުވި އަތުން ޗަސްކޮށްލާށެވެ. ދެން އެހެން ތައްޓެއްގައި ފިޔާ، ލޮނު، އަސޭމިރުސް، ލުނބޯ ހުތް, ގިތެޔޮ މިރުސް އަދި އިނގުރު އެއްކޮށް މޮޑެލާށެވެ. މީގެ ތެރެއަށް މަސްދަޅު އަޅާފައި މޮޑެލާށެވެ. ދެން ޗަސްކޮށްފައި ހުރި އަލުވި މި މަސްގަނޑު ތެރެއަށް އަޅާފައި ހުރިހާ ރަހައެއް ހެޔޮވަރުކޮށްފައި މޮޑެލާށެވެ. ދެން ރޫޅިގެން ނުދާގޮތަށް އަތުން ވަށްކޮށް ގުޅަހަދާލާށެވެ.

ބޯތައްޓަކަށް ފުށްއަޅާފައި އޭގެ ތެރެއަށް ލޮނު އަދި ރީނދޫ އަޅާފައި އޮލަކޮށް ގިރާލާށެވެ. ތައްޔާރު ކުރި ކަވާބު ގުޅަތައް ފުށުގެ ތެރެއަށް ލުމަށްފަހު ބޭރުގައި ފުށް ހޭކުނީމާ ތަވަޔަކަށް ތެޔޮ އަޅާލުމަށް ފަހު އުނދުން މައްޗަށް އުދާލާފައި ހޫނުވެލީމާ ފަހަރަކު 5 ވަރަކަށް ގުޅަ ތެލުގެ ތެރެއަށް އަޅާފައި މަޑު ބްރައުން ކުލަ އަރަންދެން ތެލުލާށެވެ.