އޭސީސީގެ ފަރާތުން އެސެޓް ރިކަވަރީ ދިރާސާއެއް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނީ އެ ކޮމިޝަނަށް އަލަށް އައްޔަންކުރި ފަސް މެމްބަރުން އެކުގައި ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މެމްބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ ދައުލަތުން ގެއްލިފައިވާ މުދާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން އެކަން ކުރައްވާނެ ކަމަށެވެ.
އެކި މީހުން އަތުން ދައުލަތަށް ލިބެންޖެހޭ ވަރަށް ގިނަ ފައިސާ ނުލިބި ހުރިކަން ފާހަގަކުރައްވާ ޝިޔާމާ ވިދާޅުވީ މިއީ އާންމު ރައްޔިތުންނާ ދައުލަތުގެ މުއައްސަސާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މައްސަލަ ތަހުގީގު ކުރަން ފެށުމުގެ ކުރިން އެ މައްސަލައިގައި އެސެޓް ރިކަވަރ ކުރެވޭނެތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށެވެ. އެގޮތުން ޖިނާއީ އޭންގަލަކުން ނުބެލޭނަމަ، މަދަނީ އޭންގަލަކުން ވެސް ބަލާނެ ކަމަށެވެ.
އެ މައްސަލައަކީ އެސެޓް ރިކަވަރީގެ ދަށުން އެސެޓް ރިކަވަރ ކުރެވޭނެ މައްސަލައެއްތޯ ބަލާފައި އެ އެންގަލަށް ބަލައިގެން ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ވެސް ޝިޔާމާ ވިދާޅުވިއެވެ.
ގާނޫނު އިސްލާހުކުރަން ޖެހޭ ނަމަ އެކަންކޮށް، ގަވާއިދު އެކުލަވާލައި އެކަމާ ގުޅޭ އުސޫލުތައް ވެސް އެކަށައަޅާނެ ކަމަށާއި އެ ފައިސާ ނުލިބިހުރުމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ޝިޔާމާ ވަނީ ފާހަގަ ކުރައްވާފައެވެ.
އޭސީސީ އާއި އޮޑިޓް އޮފީހުން ނިންމާ ވަރަށް ގިނަ މައްސަލަތަކުން އެސެޓް ރިކަވަރީ ކުރަން ޖެހޭކަމަށާއި އެ ފައިސާ ދެއްކުމަށް އެންގި ނަމަވެސް ދައުލަތަށް އެ ފައިސާ ނުވަތަ ހަރުމުދާ ލިބިފައި ނުވާ ކަމަށް ޝިޔާމާ ވަނީ ވިދާޅުވެފައެވެ. އަދި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދުމަށް މިސަރުކާރުން އެސެޓް ރިކަވަރީގެ ނަމުގައި ކޮމިޝަނެއް އުފައްދާ ފަހުންވަނީ އެ ކޮމިޝަން އުވާލާފައެވެ.
އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ އޭސީސީންނެވެ.