English Edition
Dhivehi Edition

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ގޮނޑިއަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލައިފިއެވެ.

އެމްއެންޕީން ބުނީ ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމާއި ލިޔެކިޔުންތައް, އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެ އިންތިޚާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ޕްރައިމަރީ ވެސް ބާއްވާނެ ކަމަށެވެ.

އެގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މިމަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 9:00 އިން 11:30 އަށް ވިލިމާލެ ދާއިރާގެ އިތުރުން މާލޭގެ އެމްއެންޕީގެ އޮފީހުގައި އޮންނާނެ ކަމަށް އެމްއެންޕީން ބުންޏެވެ.

ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީގެ ގޮނޑި ހުސްވީ މިއަހަރުގެ މާރޗު މަހުގެ ކުރީކޮޅު ހިނގި އެކްސިޑެންޓެއްގައި އެ ދާއިރާގެ މެމްބަރު އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގައެވެ.

އެ ގޮނޑި ހުސްވުމާއިއެކު އެ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ މެއި މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.