English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ރިހައެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “މާޅޮސްކޭލު ހިކިރިހަ” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

8 ޖޯޑު މާޅޮސްކެޔޮ ކޮށާފައި

1 ޖޯޑު ހަނާކުރި ހަވާދު (އައްޑޫ ހަވާދު ފުނޑާފައި)

1/2 ސައި ސަމުސާ މުގުރި ކާފޫރު ތޮޅި

1/2 ސައި ސަމުސާ ރީނދޫ

2 ޖޯޑު ބޯކިރު

2 ޖޯޑު ވަޅޯމަސް ކޮށާފައި

1 ސައި ސަމުސާ މުގުރި ދިރި

2 ފިޔާ (ބޮޑު) ކޮށާފައި

1/2 މޭޒުމަތީސަމުސާ އިނގުރު ގާނާފައި

8 ލޮނުމެދު ހިމުންކޮށް ކޮށާފައި

1 އިންޗި ފޮނިތޮށި

3 އިންޗި ރާނބާފަތް

ރަހަލާވަރަށް ގިތެޔޮ މިރުސް ކޮޅެއް

ލޮނު

ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ކެޔޮ ތެއްޔަކަށް އަޅާފައި ކެޔޮމަތިން 2 އިންޗި ހުންނަ ވަރަށް ފެން އަޅާފައި އޭގެތެރެއަށް މަސް، ލޮނު، ފޮނިތޮށި އަޅާފައި ކައްކަން އުދާލާށެވެ.

ދެން ވަކިން ތެއްޔެއް އުނދުން މައްޗަށް އުދާލާފައި ތެޔޮފޮދު އަޅާލުމަށްފަހު ފިޔާ، ހިކަނދިފަތް، މިރުސް، ރާނބާފަތް އަޅާފައި ފިޔާކޮޅު މޯޅިވުމުން އިނގުރު ، ދިރި ، ލޮނުމެދު އަދި ކާފޫރުތޮޅި އަޅާފައި މީގެ ތެރެއަށް ބޯކިރު ފޮދު ވެސް އަޅާފައި ކައްކާލާށެވެ.

ދެން ކެޔޮތައް މަޑުވީމާ އޭގެތެރެއަށް، ބާކީ ބޯކިރު ޖޯޑަށް ހަވާދު އަޅާލާށެވެ. ކެޔޮ އެއްކޮށް ރޯފިލީމާ ވަކިން މީރުކުރި ފިޔާ ތެލީގައި ހުރި އެއްޗިހި ކެޔޮ ތެއްޔަށް އެއްކުރުމަށްފަހު 3 މިނެޓް ވަންދެން ކައްކާފައި ސާރވް ކުރާށެވެ.