English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި އޭޕްރަންއަކާއި ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފައެވެ.

144.8 މިލިއަން ރުފިޔާގެ މި މަޝްރޫޢު މިއަހަރުގެ ޖުލައި 26 އަށް އެއަރޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި އެއަރޕޯޓުގެ މަސައްކަތް މިއަހަރުތެރޭ ނިންމައި ހުޅުވޭނޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވެސް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މި އެއަރޕޯޓުގެ މަސައްކަތް ފަށާފައިވާއިރު، އެދުވަސްވަރު ވަނީ ބިން ހިއްކައިގެން ފަސް ފަޅުރަށެއް އެއްކޮށްފައެވެ.

އެއަރޕޯޓު އަޅަނީ ފަރެސްމާތޮޑާ ކައިރީގައި އޮންނަ މި ފަސް ރަށް އެއްކޮށްގެންގެން ހިއްކާފައިވާ ބިމުގައެވެ. އެމްޓީސީސީން ބިންހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ 2020 ވަނަ އަހަރު އޮގަސްޓް ގައެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގައި އެޅުމަށް ހަމަޖެހިފައިވަނީ 1.2 ކިލޯ މީޓަރުގެ ރަންވޭއެކެވެ.