English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ އިދާރާ - ފޮޓޯ: ގޫގުލް

ޝަރުތު ހަމަވާ 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވަނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ޕީޕީއެމްއެވެ. މި 4 ޕާޓީއަކީ މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވާ 4 ސިޔާސީ ޕާޓީއެވެ.

މިޕާޓީތަކުގެ ތެރެއިން ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކުރުމަށް ފޮނުވާފައިވަނީ މިދިމަހުގެ ފަހުކޮޅުއެވެ. އަދި އެމްޑީޕީއާއި އަދާލަތު ޕާޓީއަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މި ހަތަރު ޕާޓީގެ ތެރެއިން އެމްޑީޕީ ގައި 54،660 މެމްބަރުން ތިބިއިރު، 15،024،009.96 ރުފިޔާ އެޕާޓީއަށް ދޫކުރަން ޖެހެއެވެ. ޕީޕީއެމް ގައި 34،237 މެމްބަރުން ތިބިއިރު، އެޕާޓީއަށް ދޫކުރަން ޖެހެނީ 9،410،483.51 ރުފިޔާއެވެ. އަދި ޖޭޕީ ގައި ތިބި 20،107 މެމްބަރުން ކަމަށްވާތީ 5،526،669.74 ރުފިޔާ އެޕާޓީއަށް ދޫކުރާއިރު، އަދާލަތު ޕާޓީ ގައި ތިބީ 10،554 މެމްބަރުންނެވެ. އެހެންވެ، އަދާލަތަށް ދޫކުރަން ޖެހެނީ 2،900،903.79 ރުފިޔާއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރެޖިސްޓްރީކޮށްފައިވާއިރު، ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.

އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއަކީ އެމްއެންޕީއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހެޅުން އެ ރިޕޯޓްތަކަށް ބެލުމަށްފަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.