English Edition
Dhivehi Edition

އައްޑޫ ސަރަހައްދީ ޕޯޓުގެ، އެކްސްޕޭންޝަން މަރުހަލާގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ބޮޑެތި ބޯޓުފަހަރަށް އެ ފާލަމަށް ކައިރިކޮށް މުދާ ބޭލޭނެ އިންތިޒާމު، 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

އެމްޕީއެލްއިން ބުނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން މިހާރު ކުރަމުން އަންނަނީ އީއައިއޭގެ މަސައްކަތް ކަމަށެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފޭސް އެކެއްގެ މަސައްކަތް ނިމޭނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. ފޭސްއެކެއްގެ މަޝްރޫއުގެ ދަށުން މަގަތު ފާލަން މިހާރު އޮތްތަނުން، އެހެންތަނަކަށް ބަދަލުކޮށް ބޮޑުކުރުމުގެ އިތުރުން ބިން ހިއްކައި، ބްރޭކްވޯޓާ ގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލް އިން ބުނީ ޕޯޓަށް ބޭނުންވާ އިކުއިޕްމަންޓްސް ގަންނަން މިހާރު ހަވާލުކޮށްފައިވާ ކަމަށާއި މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އެތަކެތި ލިބޭނެކަމަށެވެ. އަދި މިހާރުވެސް ޕޯޓުގެ މަޝްރޫއާއި ގުޅިގެން މުވައްޒަފުން ތަމްރީނުކުރަމުން އަންނައިރު ޕޯޓު މަސައްކަތް ނިންމާ، އެ ކުންފުންޏާއި ހަވާލުވުމާއެކު އޮޕަރޭޝަންސްތައް ފެށިގެންދާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އައްޑޫ ސަރަހައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500,972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
އެމްޕީއެލްއިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 525 ދުވަހުގެ ތެރޭގައެވެ.
އައްޑޫ ސަރަހައްދީ ޕޯޓު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 02 އެޕްރީލް 2021 ގައެވެ.