English Edition
Dhivehi Edition

މި ދަތުރު ދާހިތް އޮތްލެއް ބޮޑު ކަމުން ނޫންނަމަ މިހަރުކަށި މީހާއާ ދިމާއަށް ހިތަށް އެރިހާ އެއްޗެއް ގޮވާފައި ފައިބައިގެން ހިނގައިދާނަމޭ އޭނާގެ ހިތަށް އެރިއެވެ. މި ދިޔަ އަހަރުން ފެށިގެން ބައްޕަ އެހާ ބަލިހާލުގައި ނޫޅުއްވާނަމަ އޭނާ މިހާރު ހުރީހީ މާލޭގައެވެ. މިހާރު ބައްޕަގެ ހާލުވެސް ރަނގަޅުވަމުން އެބަ އާދެއެވެ. ރައްޓެހި ހުރިހާ ކުދިންނަށްވެސް އޭނާ މިދަނީ ޝާންގެ ސެކެޓްރީއަކަށް ކަން މިހާރު އޮންނާނީ އެނގިފައެވެ. އަނބުރާ ގެއަށް ދިޔައިމާ ބައްޕަ އުފާވެދާނެއެވެ. އެކަމަކު ރައްޓެހިން ކުރާނެ މަލާމާތާއި ދިމާ ކުރާނެ ވަރު ހިތަށް އަރާފައި ހިމޭނުން އިނީއެވެ.

ތައުފީގު ވެސް ވަނީ މި ވަޒީފާގެ ބުރަކަމުގެ ވާހަކަ އޭނާގެ ގާތު ބުނުއްވާފައެވެ. ޝާން އަކީ ވަރަށް އަވަދި ނެތި އުޅުއްވާ ބޭފުޅެއް ކަމަށް ވާތީ އޭނާގެ ސެކެޓްރީއަށް ވަރަށް ބުރަވާނެއެވެ. ކަންތައްތަކުގައި ފަރުވާ ކުޑަ ކުރުމާއި ގަޑިން ގަޑިއަށް ކަންތައް ނުވުމަކީ ޝާން އެންމެ ކޯފާ އިސްވާ ކަންތަކެވެ. އޭނާގެ ސެކެޓްރީ އޭނާ ކުރައްވާ ހުރިހާ ކަމެއްގައި ބައިވެރިވާން ޖެހެއެވެ. އަބަދު އޮންނަނީ ކޮންމެވެސް ޖަލްސާއެއް ހަފްލާއެއް ބާއްވަން ޖެހިފައެވެ. .

ޝާން އިތުރު އެއްޗެއް ވިދާޅު ނުވެ އޭނާގެ ކުރިފުޅުމަތީގައި އޮތް ޑައިރީގެ ގަނޑުތައް އުއްކަވަމުން ގެންދެވިއެވެ. މިހާ އަވަހަށް އާދިލާގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ވެދާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ.

އާދިލާ ހިތާ ހިތުން 10 އަކާ ހަމަޔަށް ގުނާލާފައި އޭނާގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލިއެވެ. މިއީ ފިނިކޮށްފައިވާ ކޮޓަރިއެކެވެ. ކުޑަދޮރުތަކުގައި ހުރީ އޮރެންޖް ކުލައިގެ ކާޓެން ދަމާފައެވެ. މި ކޮޓަރި ކިތަންމެ ހިތްގައިމަކަސް އޭނާ ކުރީދުވަހު އައި އިރު ފެނުނު ހިތްފަސޭހަކަމެއް މިހާރަކު މިތާކު ނެތެވެ.

ދުވާރަށަކީ ޝާންގެ އަމިއްލަ ޚިޔާލަކަށް ތައްޔާރުކޮށްފައިވާ އޭނާގެ އަމިއްލަ ރިސޯރޓެކެވެ. ނުވަތަ ބޯޓެކެވެ. މިއީ އޭނާ ހިންގަވާ އެހެން ރިސޯރޓް ތަކުގެ އިތުރުން އޭނާގެ އުފަލަކަށްޓަކައި ހެއްދެވި ރިޒޯރޓެކެވެ. މި ރިސޯރޓްގައި 5 ތަރީގެ ރެސްޓޯރެންޓް ތަކާއި އެތަކެއް ސްވިމިންގ ޕޫލެއް އޮވެއެވެ. ހިތްގައިމު ސްޕާއަކާއި ސެލޫނަކާއި ފުރިހަމަ ޑިސްކޯ ފްލޯރ އެއް އޮވެއެވެ . މީގެ އިތުރުން ބޮޑު ސްކްރީން ސިނަމާއެއްވެސް ހުރެއެވެ. ގެސްޓުން އައިސް ގޮސް ވާނެ ލޯންޗްތައް ބޭނުން އިރަކު ލިބެން ހުރެއެވެ. 100 ގެސްޓުންގެ ޖާގައިގެ މި ރިސޯރޓްއަކީ ފައިސާއަކީ މަސްއަލައަކަށް ނުވާ ޓުވަރިސްޓުންނަށް ޚާއްސަ ކުރެވިފައިވާ ދުވާ ރިޒޯރޓެކެވެ. ނުވަތަ ދުވާ ރަށެވެ. މިއީ މި ރިސޯރޓްގެ ފުރަތަމަ ދަތުރެވެ. މި ދަތުރު ކާމިޔާބު ނަމަ މުސްތަގްބަލްގައި މި ރިސޯޓް ޝީޝެލްސް އަށާއި ސްރީލަންކާ އަށްވެސް ދަތުރު ކުރުމަށް ވަނީ ރޭވިފައެވެ.

އާދިލާގެ ޚިޔާލުތަކުގެ ސިލްސިލާ ނިންމާލުމަށް ފަހު މޭޒުދޮށުގައި އިންނެވި އޭނާގެ ވެރިމީހާއަށް ބަލާލިއެވެ.

” އަހަރެންގެ ޑައިރީގައި ލިޔެފައި މިވަނީ ކަލޭތަ؟” ޝާން ޑައިރީއަށް އިޝާރަތް ކުރައްވާފައި ވިދާޅުވިއެވެ.” މިއީ އަހަރެން ނުދެކޭ އާ ލިއުމެއް.”

” އާދެ. ތައުފީގުބެ ބުނުއްވައިގެން އަޅުގަނޑު އިއްޔެ އައިން. ތިބޭފުޅާގެ ސިޓީތައް އަޅުގަނޑު ބަހާފައި ވާނީ ތިން ބަޔަކަށް. އޭގެ ތެރޭން ރަސްމީ ސިޓީތަކާއި ފެކްސް ފަދަތަކެތި ހުންނާނީ ވަކިކޮށްފަ. އަދި އަމިއްލަފުޅު ސިޓީތައްވެސް ހުންނާނީ ވަކި ބައެއްގަ. ތިޔަ ސިޓީތައް އައިސްފައިވަނީ ރޭގައި ވަރަށް ދަންވި ފަހުން.”

ޝާން އޭގެތެރޭން ސިޓީއެއް ނަންގަވާފައި ކަނޑުއްވާލެއްވީ އެއީ ކާކު ފޮނުވި ސިޓީއެއްކަން އެނގިވަޑައިގަންނަވާ ފަދައަކުންނެވެ. އޭނާ އެސިޓީއަށް ބައްލަވަން އިރުކޮޅަކު އިންނަވާފައި ލެއްވީ ޖީބުފުޅަށެވެ.

” މި ނޯޓުގައި މިވާގޮތަށް މި ދަތުރު ނައިފަރަށް މަޑު ކުރަން ހަމަޖައްސާފައި މިވަނީ ކީއްވެތަ؟”

” އެ ސަބަބު އެނޯޓާއެކު އެޓޭޗް ކޮށްފައިވާ ޖަވާބުގައި އަޅުނގަޑު ލިޔެފައިވާނެ”. އާދިލާ ފަރުވާ ކުޑަ ގޮތަކަށް ދެންނެވިއެވެ. ” މަދުރަސަތުލް އިފްތިތާހަށް 100 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމަށް ރާއްޖޭގެ ހުރިހާ އިއްޒަތްތެރިން ވަޑައިގަންނަވާ. އެކަމަށްޓަކައި އެއްކުރެވޭ ފަންޑަށް ދުވާ ރަށުން 10 މިލިއަން ރުފިޔާ ހަދިޔާ ކުރަން ވަނީ ހަމަޖެހިފަ. އޭގެ ޗެކްވެސް ލިޔެފަ ތިބޭފުޅާ ސޮއި ކުރެއްވުމަށް ތައްޔާރު ކޮށްފައިވާ ލިއުންތަކުގެ ތެރޭގައި އޮންނާނެ”.

ޝާން އެ ލިއުންތަކަށް ބައްލަވަމުން ގެންދެވިއިރު ނިތްކުރިފުޅަށް ރޫތަކެއް އަރަމުން ދިޔައެވެ.

” އިހަށް މަޑުކޮށްބަލަ!” އަމުރުވެރި ރާގެއްގައި ޝާން ވިދާޅުވިއެވެ. އެކަމަކު އަޑުފުޅުގައިވަނީ މައިތިރި ކަމެވެ. “އަހަންނަށް ސެކެޓްރީއަކާ ނުލައި އުޅުމަކީ ދަތި ކަމެއް. އެކި ޖަލްސާތަކުގައި ދައްކަންޖެހޭ ސްޕީޗްތައް ތައްޔާރު ކުރަން ޖެހޭނީ ސެކެޓްރީ. ” ޝާންގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ” އަހަރެންގެ ރުހުމާ ނުލާ ނަމަވެސް ތައުފީގް ހަމަޖެއްސި ސެކެޓްރީގެ ބޭނުން ހިފަން އެބަޖެހޭ. އަހަރެން އުންމީދު ކުރާހިތް އޮތީ ކަލޭ މި ބޯޓަށް އަރާ ތިހިރީ ހަމަ އެކަނި ޗުއްޓީ ދަތުރެއް ހޭދަކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށް. އާދިލާ!. މިއީ. ވަރަށް ބުރަ ވަޒީފާއެއް. ކުރިއަށް އޮތް ދެހަފްތާއަކީ އަދި ވަކީން ބުރަވާނެ ދުވަސްތަކެއް. ތިޔަ ތަށި ހުސްވީމާ އަހަރެންގެ ވަތްގަނޑުން ގަނޑުކަނޑާ ފޮތަކާއި ފަންސުރެއް ހިފައިގެން އައިސްބަލަ. މިހުރިހާ ސިޓީތަކަށް މިއަދު ޖަވާބު ދޭން އެބަޖެހޭ. މިރޭ ކެޕްޓަން ދޭ ޕާރޓީ އަކަށް ދާންވެސް ޖެހޭ އެބަ.”

ދުވާރަށް އައްޑުއަތޮޅު “މަގަވަރީ” ކަނޑިންމައިން ނުކުތީ އަދި ކިރިޔާއެވެ. އެހެންނަމަވެސް އާދިލާގެ މަސައްކަތުގެ ދުވެލި އޭގެ އެންމެ ބާރުމިނުގައި ކުރިއަށްދާން ފަށައިފިއެވެ. މާދަމާ ދުވާރަށް އޮންނާނީ ރާއްޖޭގެ ރަށްތަކާ ދުރުގައި މާ ކަނޑު ތެރޭގައެވެ. މި ބޯޓް ދަތުރު ކުރަން ހަމަޖެހިފައިވަނީ އެގޮތަށެވެ. ރަށްރަށަށާ ކާރި ކުރާނީ މަދު ފަހަރަކު އެވެ. ރަށްރަށަށް ފައިބާނީ ހޯވަރ ކްރާފްޓް، ނުވަތަ ސްޕީޑް ބާރު ލޯންޗްތަކުގައެވެ. މި ފޫހި ދަތުރުގައި އާދިލާ އެތަކެއް މަސްދުވަހެއް ހޭދަކުރަން ޖެހޭނެ ކަންހިތަށް އެރިއެވެ.

އާދިލާގެ ކޮޓަރި ކުޑަވެފައި ތަނަވަސް ކަމެއް ނެތެވެ. ކޮޓަރިއާ ގުޅިގެން ފެންވަރާ ކޮޓަރިއެއް ހުރެއެވެ. އާދިލާ ގަސްތު ކުރީ މަސައްކަތް ފެށުމުގެ ކުރީގައި ފެންވަރާލައި ތާޒާ ވެލުމަށެވެ. އެކަމުން ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބޭނެތީއެވެ. ފެންވަރާ ކޮޓަރި ކުޑަޔަކަސް ހުރިހާ ކަމެއް ފުރިހަމައެވެ. ހޫނު ފެން ލިބެން ހުރީމާ ވަރަށް އަރާމު ކޮށް ފެންވަރާލެވިއްޖެއެވެ.

ޝާން ހަވާލު ކުރައްވާފައިވާ ސިޓީތައް ގިނަ ކަމާއެކު އެހުރިހާ ސިޓީތަކަށް ޖަވާބު ދެއްވާނެ ގޮތުގެ އިރުޝާދު ދެއްވާ ނިމުނު އިރު ހުރީ މެންދުރު ކާ ގަޑި ފާއިތުވެފައެވެ. އެހެން ކަމުން ވެއިޓަރަކަށް އަންގަވައިގެން މެންދުރުގެ ކެއުން އާދިލާގެ ކޮޓަރިއައް ފޮނުއްވައި ދެއްވިއެވެ.

އެރޭ ދުވާރަށުގެ ކެޕްޓަން ބާއްވާ ޕާރޓީއަށް އާދިލާ ދާންޖެހޭނެ ކަމަށް ޝާން ވިދާޅުވިއެވެ. އާދިލާ އަކީ އެކަހަލަ ޕާރޓީތަކަށް ގޮސް އުޅޭ މީހަކަށް ނުވާތީ އޭނާ ވަނީ އެފަދަކަމަކަށް ތައްޔާރު ވެގެނެއްވެސް ނޫނެވެ. އިއްޒަތްތެރިން ބާއްވާ އެ ބާވަތުގެ ޕާޓީ ތަކުގައި ލައި އުޅޭ ކަހަލަ ހެދުންތަކެއް އޭނާގެ އަތަކު ނެތެވެ. އޭނާ ހީކޮށްގެން ހުރީ މި ކަހަލަ ޕާރޓީތަކުގައި ބައިވެރިވާނީ ހަމަ އެކަނި އޭގައި ދަތުރުކުރާ ޢިއްޒަތް ތެރީން އެކަނި ކަމުގައެވެ. އޭނާއަކީ އާދައިގެ ސެކެޓްރީއެކެވެ.

ޝާން މި ދައުވަތު ދެއްވަމުން ހިނިތުން ވެލައްވާފައި ވިދާޅުވިއެވެ. ” މިކަހަލަ ދަތުރެއްގައި އުފާކޮށްލަން ލިބޭ ފުރުސަތެއް ނަގާލައިގެން ނުވާނެ. މީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް. ގިނަވާނީ މަސައްކަތުގެ ވަގުތު.”

ޝާން ހީފުޅުކުރައްވާ ގޮތުގައި ބުރަ މަސައްކަތަކީ އޭނާއަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. މިއީ ކުށް ހީފުޅެއް ކަން ދެއްކުމަށް އޭނާ ވަނީ އަޒުމު ކަނޑައަޅާފައެވެ.

މިހާރު އޮތީ އެންމެ މަސްއަލައެކެވެ. އޭނާ ލާނެ ހެދުމެއްގެ މަސްއަލައެވެ.

މި ދަތުރުގައި ބައިވެރިވާ އަންހެނުންނަކީ އޭނާ ކަހަލަ އާދައިގެ ބަޔަކަށް ނުވާނެއެވެ. އެމީހުން ލާނީ ތަނުގެ ހައިބަތާ އެކަށީގެންވާ ކަހަލަ ހެދުންތަކެވެ. މީގައި ގިނައީ ޓޫރިސްޓުން ކަމުގައި ވިޔަސް މާލޭގެ އިއްޒަތްތެރިންވެސް މަދެއް ނޫނެވެ. އޭނާގެ އަތުގައި އޮތް އެންމެ އެކަށީގެންވާ ހެދުމަކީ މަޑު ނޫކުލައިގެ ފާސްކުރި ހެދުމެކެވެ. މިއީ އޭނާއަށް އެންމެ ރީތި ކުލަވެސް މެއެވެ. އެހެންނަމަވެސް ޒަމާނީ ހެދުން އަޅާފައި އެންމެން ތިބޭއިރު މިހެދުން ވާނީ އާސާރީ ހެދުމަކަށެވެ. އެކަމަކު އޭނައަކަށް އެހެން ގޮތެއް ނެތެވެ. އޭނާ ލީ އެހެދުމެވެ. އަދި ހަމަ އެއާ ގުޅޭ ކަހަލަ ނޫކުލައިގެ ބޮލުފޮތިކޮޅެއް ވެސް އަޅާލިއެވެ. އޭނާގެ މޭމަތީގައި ޖެހި ދަތީގައިވެސްވަނީ ނޫ އެހެވެ. މިހެދުން އަޅާލުމުން އޭނާގެ ބައްޓަމުގެ ފުރިހަމަކަން ފާޅުވެގެން ދިޔައެވެ.

ޚިޔާލުތަކުގެ ސިލްސިލާ ކުރިއަށް ދަމުން ދިޔައިރު އޭނާގެ ހިތަށް އެރީ މިގޮތަށް ރީތިވެލައިގެން ސިރާޖްގެ ކައިރީގައި އުޅެވުނުނަމަ އޭނާ ދޫކޮށްލާފައި ސިރާޖް ނުދިޔައީހެވެ. އެހެން އަންހެންކުއްޖެއްގެ އަސަރުގައި އޭނާ ނުޖެހުނީހެވެ.

މި ހަނދާންތައް އާވާން ފެށުމުން އޭނާގެ ހިތް ނުތަނަވަސް ވިއެވެ. އޭނާ ރީތި ހެދުން ނާޅަނީވެސް ސިރާޖް ހެދި ގޮތަކުން ނޫނެވެ. ސިރާޖް ބޭނުން ވަނީ ޒަމާނީ އަންހެންކުއްޖެކެވެ. ލަދުވެތި ކަމާއި ނިޔަނެތި އަންހެން ކުދިންނަކީ ސިރާޖް ދެކޭގޮތުގައި ކަޓު ބޯދާ ބަޔެކެވެ. އެހެންކަމުން މާލޭން ޗުއްޓީއަކަށް އައިސް އުޅުނު ނީނާ ކިޔާ އަންހެންކުއްޖެއްގެ ފަހަތުން މާލެ ދިޔައީއެވެ.

އާދިލާއަކީ އައްޑުއަށް އުފަން ކުއްޖެކެވެ. މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ޓީޗަރުންގެ އޯގާވެތި ތަރުބިއްޔަތުގެ ދަށުން ތައުލީމު ހާސިލްކޮށްފައިވާ ރީތި އަޚްލާގެއްގެ ވެރި އަންހެން ކުއްޖެކެވެ. ޒަމާނާ އެކުވެގެން ގިނަ އަންހެން ކުދިންގެ އަޚްލާގަށް އައިސްފައިވާ ކަހަލަ ވިޔާނުދާ އުޅުމެއް އޭނައަކަށް އައިސްފައެއް ނުވެއެވެ. އަދި ސިރާޖަށްޓަކައި ވިޔަސް އޭނާގެ އުޅުން އެގޮތަށް ބަދަލު ކޮށްލާކަށް ބޭނުމެއް ނުވެއެވެ. ސިރާޖަށް އޭނާގެ ހިތްއެދޭ ފާޑުގެ ކުއްޖަކު ފެނުމުން އޭނާ ދޫކޮށްލާފައި ދިޔައީއެވެ.

ނީނާއާ ކާވެނި ކުރެވުމުން ސިރާޖަށް ލިބުނީ އަދި މާ މަތިވެރި ޢިއްޒަތަކާ ގަދަރެކެވެ. އެގޮތަކީ ނީނާގެ އާއިލާގެ ހުރިހާ ވިޔަފާރިއެއް ހިންގުމުގައި އެންމެ އިސް ރޯލެއް އަދާކުރަން ޖެހުނީ ސިރާޖަށް ކަމަށްވާތީއެވެ. މިހާރު އޭނާއަކީ ފައިސާވެރި ނުފޫޒް ގަދަ މީހެކެވެ.

ސިރާޖް އޭނާ ދޫކޮށް ދިއުމުން ރައްޓެހިންގެ ދިމާ ކުރުމާއި އުނދަގޫތަކާ ލައްކަ ދުވަހު ކުރިމަތިލާން ޖެހުނެވެ.

ރަށުގައި ނެރޭ ދުވަހުނޫހެއް ކަމަށްވާ “އުދަރެހުގެ” ބޮޑު ސުރުޚީއެއްގަ ވެސް އެވާހަކަ ޖަހާފައި އޮތެވެ. އެންމެ ދެރައީ ޒަމާން ތަރައްގީވުމުން މީހުންގެ ޒާތީ ކަންތައްވެސް ނޫސްތަކަށް އަރާތީއެވެ. މިކަހަލަ މިނިވަން ނޫސްވެރިކަމެއް ލިބުމުން ރިޕޯރޓަރުންނަށް މިއޮތީ އީދެއް އައިސްފައެވެ. ނުބެހޭ އެއްކަމެއް ނޯވެއެވެ. މީހެއްގެ އަގު ވައްޓާލެވޭނެ ނަމަ ދޮގެއް ހަދާލުމަކީވެސް އެމީހުން މާ ކުރާހިތްވާ ކަހަލަ ކަމެކެވެ. ރާއްޖެ ތެރެ މާލެއާ އެއްވަރަކަށް ކުރިނޭރި ނަމަ މާ ރަނގަޅޭވެސް ބައެއްފަހަރު ހިތަށް އަރައެވެ. ކުރީގައި އެއޮންނަ ހިތްފަސޭހަކަމެއްގެވާހަކަ ދުވަސްވީ މީހުންގެ ތުންތުންމަތިން ދައްކާ އަޑު އިވުނީމާ ގަބޫލުކުރަންވެސް ދައްޗެވެ.

އެކަންތައް ދިމާވެގެން އުޅުނު އިރު އާދިލާއާމެދު މީހުންވާ ހަމްދަރުދީގެ ކުރިމަތީގައި ކެތްކޮށްލުމަކީ ދަތިކަމަކަށް ވިއެވެ. އޭނާ ގަސްތުކުރީ ގެއިން ނުނުކުމެ ހުރުމަށެވެ. އެހެން ކަމުން ނިހާޔަތަށް އެކަނިވެރިކަމާ ކުރިމަތިލާން ޖެހުނެވެ. ފޫހިކަން އިންތިހާއަށް ގޮސް ހިތްދަތިކަން ބޮޑުވީވަރުން ރަށް ދޫކޮށް އެހެން ރަށަކަށް ހިނގައިދާނަމޭވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ދަނޑިވަޅު ބައްޕަ ބަލިވީމާ އެހެން ވެސް ހަދާކަށް ނުކެރުނެވެ.

މި ހަނދާންތައް އެއްކައިރި ކޮށްލާފައި އޭނާގެ ކުރިމަތީގައި ހުރި އިސްކޮޅު ވަރުގެ ލޯގަނޑުން އެންމެ ފަހު ފަހަރަށް ބަލާލުމަށްފަހު ހިތްމަ ޖައްސާލައިގެން ބޭރަށް ނުކުމެއްޖެއެވެ. އޭރު ޕާރޓީ އޮތް ހޯލްގެ ތެރޭން ހުނުމާއި މަޖާކުރުމުގެ އަޑުފަށްގަނޑު އިވެމުން ދެއެވެ. އޭނާ މަޑުމަޑުން އެ ހޯލާ ދިމމާއަށް ހިނގަމުން ދިޔައެވެ. އެއީ ވަރަށް ރީއްޗަށް ޑިޒައިންކޮށް ޒީނަތްތެރި ކޮށްފައިވާ ހޯލެކެވެ. އެވަގުތު އެހެންއައި އުމުރުން ދުވަސްވީ ޖަރުމަނު އަންހެނަކު އައިސް ހުއްޓި ވާހަކައެއް ދައްކަން ފަށައިފިއެވެ. އާދިލާއަށް ޖަރުމަނު ބަހެއް ނޭނގެއެވެ. އޭނާއަށް ގޮތް ހުސްވީވަގުތު ކުރީދުވަހު އޭނާއަށް އެ ބޯޓް ދައްކަން އުޅުނު އެސިސްޓެންޓް މެނޭޖަރ އެތަނަށް އަތުވެއްޖެއެވެ.

-ނުނިމޭ-