English Edition
Dhivehi Edition

އެއްވެސް ޝައްކެއް ނެތް ގޮތުގައި ހުކުރު ދުވަހަކީ އެދުވަކަށް އިރުއެރި އެންމެ މާތް ދުވަސްތަކުގެ ތެރެއިން ވާ މާތް ދުވަހެކެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް މަތިވެރި ދުވަހަކީ ހުކުރު ދުވަހެވެ.

އެހެން ކަމުން ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަދި އެންމެ މާތް އަޅުކަމަކީ އެދުވަހުގައި ކުރެވޭ ހުކުރު ނަމާދެވެ. ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ. رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.

الصلوات الخمس، والجمعة إلى الجمعة ، ورمضان إلى رمضان، مكفرات لما بينهن ما اجتنبت الكبا ءر (رواه مسلم) މާނައީ: ފަރުޟު ފަސް ނަމާދު، އެއް ނަމާދުން އަނެއް ނަމާދަށް، އަދި ހުކުރު (ނަމާދު) އެއް ހުކުރުން އަނެއް ހުކުރަށް، ރަމަޟާން މަހުގެ ރޯދަ އެއް އަހަރުން އަނެއް އަހަރަށް (އެއީ) އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑު ފާފަތަކަށް އަރައި ނުގަންނަ ކަމުގައިވާނަމައެވެ. (އެބަހީ: އެ ދެމެދުގައި ކުރެވޭ ކުދި ފާފަތައް މާތް ﷲ ފުއްސަވައި ދެއްވާނެއެވެ.)“

ހުކުރު ދުވަހުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ހުކުރަށް ހިނައިގަތުމާއި، ހުވަނދުލުމާއި، ސާފުތާހިރު ފޭރާންލުމާއި، ހުކުރުގެ ޖަމާޢަތަށް އަވަހަށް ހާޟިރުވުމާއި، ހުކުރު ހުތުބާ ކަނުލާ އަށުއެހުން ހިމެނެއެވެ.

ހުކުރު ދުވަހު ހުކުރު ނަމާދަށް އަވަހަށް ދިއުމަކީ އެންމެ މޮޅުއިތުރު ގޮތެވެ. އެހެނީ ހުކުރު ދުވަހު، ހުކުރު ޚުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ، ހުކުރަށް ހާޟިރުވީ މީހުން ލިޔުއްވުމަށް، މާތް ﷲ ޙާއްޞަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫންކަމަށް ބުނެވެއެވެ. އަދި ހުކުރަށް ލަހުން ދާ މީހުންނަށް ﷲ ތަޢާލާ ހުކުރު ނަމާދަށް ޚާއްޞަ ކުރައްވާފައިވާ ދަރުމައާއި ޘަވާބުގެ ބޮޑުބައެއް އުނިވެގެން ދާނެކަމުގައިވެސް ޢިލްމުވެރިންގެ ބަސްތަކުން އެނގެއެވެ.

ހުކުރު ޚުތުބާއާއި ނުލާ ހުކުރު ނަމާދު ފުރިހަމަ ނުވާނެއެވެ. އަދި ހުކުރު ޚުތުބާގައި މުޚާތަބުކުރެވޭ ފަރާތަކީ ތިމާކަމުގައި ދެކިގެން ކަނުލައި ހުތުބާ އަޑު އެހުމަކީ މުހިންމު ކަމެކެވެ. ޚަތީބު މިމްބަރަށް އަރާ ޚުތުބާ ދެމުންދާ ވަގުތު އެކަމަށް ސަމާލުކަން ނުދީ ވާހަކަ ދެއްކުމާއި އެހެނިހެން ދުނިޔަވީ ކަންކަމަށް މަޝްޢޫލުވެގެން ހުރުމަކީ ފާފައެއްކަމުގައިވެއެވެ. އެހެން ކަމުން އަހަރެމެންނަށް އޮތީ ހުކުރު ހުތުބާ ފެށުމުގެ ކުރިން ހުކުރަށް އަވަހަށް ދިއުމެވެ. ޚުތުބާ އަޑު އެއްސެވުމަށް މަލާއިކަތުން ހަމަހިމޭނުން ތިއްބަވާކަމަށް ބުނެވެއެވެ. ކަން މިހެން އޮތް އިރު އަހަރެމެން އިންސާނުން އެ ޚުތުބާ ކަނުލައި އަޑުއެހުން މާ އައުލާކަން ބޮޑެވެ.

ހުކުރު ދުވަހަކީ އެ ދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއްވާ ދުވަހެކެވެ. އެވަގުތަކީ ހުކުރު ދުވަހުގެ އަޞުރު ނަމާދަށްފަހު އިރު އޮއްސުމާއި ދެމެދުގައިވާ ވަގުތު ކޮޅެއްކަމުގައި އައިސްފައިވެއެވެ. ނުވަތަ އެއީ އިމާމާ މިމްބަރުގައި އިށީއިނީއްސުރެ ހުކުރު ނަމާދުކޮށް އަވަދި ވެއްޖައުމަށް ދާންދެން އެވާ ވަގުތުކަމުގައި ވެސް ރިވާވެގެން ވެއެވެ. އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހު ވަގުތު ކަމުގައި ވެސް އައިސްފައި ވެއެވެ. އެހެންކަމުން އެ ދުވަހު ދުޢާކުރުން އިތުރު ކުރުމަކީ އެދެވިގެންވާ ކަމެކެވެ.

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ހުކުރު ޙުތުބާއަކުންނެވެ.