English Edition
Dhivehi Edition

ހުރިހާވެސް އެއްޗަކީ އިސްލާމް ދީން ކަމަށާއި މުސްލިމް ކުޅުންތެރިންގެ ހުރިހާ ކާމިޔާބީ އަކާއިވެސް ގުޅިފައިވަނީ އިސްލާމް ދީނުގެ މަތިވެރިކަން ކަމުގައި އައިވަރީ ކޯސްޓުގެ ކުރީގެ ޑިފެންޑަރ ކޯލޯ ޓޯރޭ ބުނެފިއެވެ.

ސްކައި ސްޕޯޓްސް އިން ގެނެސްދިން “ރަމަޟާން އެންޑް މީ” ސިލްސިލާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އާސެނަލް އާއި މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރ ބުނީ އޭނާގެ ހުރިހާ ވެސް އެއްޗަކީ މާތް ވެގެންވާ އިސްލާމް ދީން ކަމަށާއި އަދި މުސްލިމް ހުރިހާ ކުޅުންތެރިންގެ ވެސް އެންމެ މުހިންމު އެއްޗަކަށް ވާނީ އިސްލާމް ދީން ކަމަށެވެ.

ޓޯރޭ ބުނީ އިސްލާމް ދީނަކީ އޭނާގެ ދިރިއުޅުމުގެ ހުރިހާ ވެސް ކަމެއްގެ ކާމިޔާބީ އާއި ގުޅިފައިވާ އަދި ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ ވެސް ސިއްރުކަމަށެވެ. އަދި އޭނާ ފުރިހަމަ މީހަކަށް ހަދައިދިނީ ވެސް އިސްލާމް ދީން ކަމަށާއި އެއީ ދިރިއުޅުމުގެ އެންމެ ފުރިހަމަ ގޮތްތައް ބަޔާން ކޮށްދީފައިވާ ސީދާ ދީން ކަމަށް ވެސް އޭނާ ބުންޏެވެ.

“އަހަރެންގެ ހުރިހާ އެއްޗަވަކީ ވެސް އަހަރެންގެ އިސްލާމް ދީން. އަހަރެން ފުރިހަމަ މީހަކަށް ވެސް ހަދައިދިނީ އެ ދީން. ހުރިހާ މުސްލިމް ކުޅުންތެރިންނަށް ވެސް އެންމެ މުހިންމު އެއްޗަކަށް ވާނީ އިސްލާމް ދީން. ސްކައި ސްޕޯޓްސް އާ ވާހަކަ ދައްކަމުން ޓޯރޭ ބުންޏެވެ.

ޓޯރޭ ބުނީ ރޯދަ ހިފުމަކީ މުސްލިމް ހުރިހާ ކުޅުންތެރިން ވެސް ކުރާނެ ކަމެއް ކަމަށާއި ރޯދަ ހިފައިގެން ފުޓްބޯޅަ މެޗެއް ކުޅެން ޖެހުނަށް އެ ކުޅުންތެރިން އެކަން ކުރާނެ ކަމަށެވެ. އަދި ރޯދަ ހިފައިގެން ފުޓްބޯޅަ މެޗެއް ކުޅުމަކީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި ނަމަވެސް އިސްލާމް ދީނުގައި ކުރަން އޮންނަ ކަމެއް ކުރަން ޖެހޭނެ ކަމަށް ވެސް ޓޯރޭ ބުންޏެވެ.

ޓޯރޭ ވަނީ އޭނާ ފުޓްބޯޅަ ކުޅުނު ދުވަސްވަރު ރޯދަ ހިފައިގެން ހުރެ ކުޅުނު މެޗުތަކުގައި ކުރެވުނު އިޙުސާސްތަކުގެ ވާހަކަ ވެސް ކިޔައިދީފައެވެ. އޭނާ ބުނީ ރޯދަ ހިފައިގެން ހުރެ ފުރަތަމަ މެޗެއް ކުޅުނު ދުވަހު ވަރުބަލިކަން އިހުސާސް ކުރެވުނު ކަމަށާއި އެގޮތަށް ހަފްތާއެއް ދުވަސް ވަންދެން އެކަމުގެ ވަރިބަލިކަން ހުންނަ ކަމަށެވެ. ނަމަވެސް ފަހުން މުޅިން ހަމައަކަށް އެޅި ރޯދަ ހިފައިގެން ހުރެ ކުޅުނަސް އެކަމުގެ ވަރުބަލިކަން އިހުސާސް ނުވާކަމަށެވެ.

ޓޯރޭ އިތުރަށް ބުނީ ޕްރިމިއާ ލީގުގައި ގިނަ އަދަދަކަށް މުސްލިމް ކުޅުންތެރިން އެބަ ތިބިކަމަށާއި އެ ހުރިހާ ކުޅުންތެރިންނަކީ ވެސް ރޯދަ ހިފާ ކުޅުންތެރިން ކަމަށެވެ. އެގޮތުން ޕްރިމިއާ ލީގުން ވެސް ވަނީ މުސްލިމް ކުޅުންތެރިންނަށް ރޯދަ ހިފުމުގެ ހުއްދަ ދީފައި ކަމަށާއި އަދި މެޗު ކުޅެމުން އަންނަ ވަގުތު ވެސް ރޯދަ ވިއްލާ ވަގުތު ޖެހުމުން މެޗު މެދުކަނޑާލުމަށް ފަހު މުސްލިމް ކުޅުންތެރިންނަށް ރޯދަ ވިއްލުމުގެ ފުރުސަތު ދޭކަމަށް ޓޯރޭ ބުންޏެވެ.

އަދި މުސްލިމް ކުޅުންތެރިން ކުޅިވަރުގެ މައިދާން ތަކުގައި އެހާ ކާމިޔާބު ބަޔަކަށް ވަނީ ވެސް ﷲގެ އަމުރުފުޅަށް ކިޔަމަން ތެރިކަން އަދާކޮށް އެގޮތުގެ މަތީގައި ދެމި ތިބުމުން ކަމަށް ވެސް ޓޯރޭ ބުންޏެވެ.