English Edition
Dhivehi Edition

ގއ. ދާންދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީން އެކަން ހާމަކޮށް ބުނީ ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މާރޗު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

އެ ކުންފުނިން ބުނީ 52,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 4,953 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 333 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން މި މަޝްރޫޢުގެ ދަށުން ހިމެނޭ ކަމަށެވެ. އަދި 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

ހަމަމިއާއެކު 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 70.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.