English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން އެފްރިކާ ބައްރުގެ ޕްލޭއޮފުން ޕެނަލްޓީ ޖަހައިގެން މިސްރު ބަލިކޮށް ސެނެގާލް އިން މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފި އެވެ.ސެނެގޯލް ރޭ ކުޅުނު ޕްލޭއޮފް މެޗުން މިސްރުގެ މައްޗަށް ކުރި ހޯދީ އެގްރިގޭޓް ނަތީޖާ 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 1-3 ގެ ނަތީޖާއިންނެވެ.

ނިމިގެން ދިޔަ ހަފްތާގައި މިސްރުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ސެނެގާލް އަތުން މޮޅުވެފަ އެވެ. ނަމަވެސް ރޭ މި ދެޓީމު ސެނެގޯލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 0-1 އިން ކާމިޔާބުކުރީ ސެނެގޯލުންނެވެ. ރޭގެ މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގައި ވެސްް ނަތީޖާއަށް ބަދަލު ނައައުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ރޭގެ ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޕެންލަޓީ ފޮނުވާލީ ސެނެގޯލުންނެވެ. އެޓީމުގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ކަލިދޫ ކުލިބާލީ ފޮނުވާލިއިރު، މި ޕެނަލްޓީ އަމާޒުވީ ގޯލު ހުރަސް ދަނޑިއަށެވެ. މިސްރުގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ސަލާހުއެވެ. ނަމަވެސް ސަލާހު ފޮނުވާލި ޕެނަލްޓީ ގޯލާއި އަމާޒުވާގޮތެއް ނުވިއެވެ.

ދެޓީމުންވެސް ފޮނުވާލި ފުރަތަމަ ޕެނަލްޓީ ނާކާމިޔާބުވިއިރު، ދެވަނައަށް ޖެހި ޕެނަލްޓީވެސް ދެޓީމަށް ނާކާމިޔާބުވިއެވެ. ކޮންމެ ޓީމަކުންވެސް ޖެހި ތިންވަނަ ޕެނަލްޓީ ކާމިޔާބު ކުރިއެވެ. ނަމަވެސް ހަތަރުވަނައަށް ސެނޯލުން ޖެހި ޕެނަލްޓީ ކާމިޔާބު ކުރިއިރު، މިސްރުން ޖެހި ހަތަރުވަނަ ޕެނަލްޓީ ވީ ނާކާމިޔާބެއެވެ.

ސެނެގޯލުން އެޓީމުގެ ފަހު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރިއިރު، މި ޕެނަލްޓީ ކާމިޔާބުކުރީ ލުވަޕޫލް ފޯވާޑް ސްދިއޯ މާނޭ އެވެ.

ރޭ މިސްރު ބަލިކޮށް ވޯލްޑްކަޕުން ސެނެގޯލް ޖާގަ ހޯދިއިރު، މި އެޓީމުގެ ތާރީޚުގައި ވޯލްޑްކަޕަށް ކޮލިފައިވި ތިންވަނަ ފަހަރެވެ.