މިއަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ރޭ ކުޅުނު ޕްލޭއޮފް މެޗުތަކުން މޮޅުވެ ޕޮލަންޑް އާއި ޕޯޗުގަލް ވޯލްޑްކަޕުން ޖާގަ ހޯދައިފިއެވެ.
ރޭ ކުޅުނު ޕްލޭއޮފް ފައިނަލް މެޗުގައި ސްވިޑެންއާއި ދެކޮޅަށް ކުޅުނު މެޗު ޕޮލެންޑުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ. އަދި ޕްލޭއޮފް ފައިނަލްގައި ނޯތް މެސެޑޯނިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ވެސް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.
ޕޮލަންޑް އަދި ސްވިޑެން ބައްދަލުކުރި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފަހުހާފުގައެވެ. އެގޮތުން މެޗުގެ ފަހު ހާފު ފެށިގެން ފަސްވަނަ މިނެޓުގެ ތެރޭގައި ޕޮލަންޑުން ލަނޑު ޖަހާ މެޗުގެ ލީޑުނެގިއިރު، މި ލަނޑަކީ ލިބުނު ޕެންލަޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މި ޕެނަލްޓީ އަކީ ސްވިޑެންގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ސްވިޑެންގެ ކުޅުންތެރިއަކު ޕޮލަންޑް ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްތީއެކެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ޕޮލެންޑަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޯސްކީއެވެ.
ޕޮލަންޑްގެ ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީ ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. މި މެޗުން މޮޅުވެ ޕޮލަންޑް ވޯލްޑްކަޕަށް ކޮލިފައިވިއިރު، މިއީ އެ ޓީމުގެ ތާރީޚުގައި ވޯލްޑްކަޕަށް ކޮލިފައިވި އަށްވަނަ ފަހަރެވެ.
ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރޭ މިދިޔަ ހަފްތާގައި އިޓަލީ ކަޓުވާލި ނޯތު މެސެޑޯނިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވިއިރު، ޕޯޗުގަލްގެ ދެ ލަނޑު ވެސް ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ޕޯޗުގަލްއިން މެޗުގެ ލީޑު ނެގި ލަނޑު ރޮނާލްޑޯގެ އެހީތެރިކަމާއި އެކު ބްރޫނޯ ފެނާންޑޭސް ކާމިޔާބު ކުރތި އިރު، ޕޯޗުގަލްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީވެސް ބްރޫނޯ ފެނާންޑޭސްއެވެ. އޭނާ މި ލަނޑު ޖެހީ ޑީއޭގޯ ޖޮޓާ ނަގައިދިން ބޯޅައަކުންނެވެ.
ރޭގެ މެޗުން މޮޅުވެ ޕޯޗުގަލް މިއަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވިއިރު، މިއީ ޕްލޭއޮފް ކުޅެގެން އެ ގައުމު ވޯލްޑްކަޕަށް ކޮލިފައިވި ތިންވަނަ ފަހަރެވެ. ޕޯޗުގަލް ޕްލޭއޮފް ކުޅެގެން މީގެ ކުރިން ކޮލިފައިވި މުބާރާތް ތަކަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތާއި 2014 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތެވެ.