English Edition
Dhivehi Edition
އެމްޕީއެލްގެ ހުޅުމާލެ ކޮންޓެއިނަރ ޓާމިނަލް - ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން މުދާ ކްލިއަރެންސް ވަގުތަކަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

އެ ކުންފުނިން މިގޮތަށް ނިންމީ މިއަހަރުގެ ރަމަޟާން މަހު، ވީހާވެސް އަވަހަކަށް މުދާ ކްލިއަރ ކުރުމުގެ ފުރުސަތު ދިނުމަށް ނިންމި ނިންމުމެއް ކަމަށާއި މިއީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު އެ ކުންފުނިން ގެންނަ ބަދަލެއް ކަމަށެވެ.

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00ށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:30 އާހަމައަށް ބޯޓް ކްލިއަރ ކުރުމުގެ މަސައްކަތް ކުރާނެކަމަށް އެމްޕީއެލް އިން ބުންޏެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ ތަކެތީގެ އަގު ހިފެހެއްޓުމަށް ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށް ކޮންމެއަހަރަކު ވެސް އެކުންފުނިން އަމާޒުހިފާ ކަމަށެވެ. އަދި ރަމަޟާން މަހު ޢާންމުގޮތެއްގައި އެންމެ ގިނައިން އެތެރެކުރަނީ ޕެރިޝަބަލް ކާބޯތަކެތި ކަމަށެވެ.

އެމްޕީއެލް އިން ބުނީ ރޯދައަށް މުދާ ހިފައިގެން އައި ދެ ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ބަނދަރުގައި ދެބޯޓެއް އެބައޮތް ކަމަށެވެ. އަދި މި ހަފްތާގެ ތެރޭ އިތުރު ދެ ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.