English Edition
Dhivehi Edition

ސިއްހީ ޚިދުމަތުގެ ފެންވަރު ދަށް ވާހަކަ މިއަދު ދައްކަން ޖެހެނީ ކުރީ ސަރުކާރުތަކުން އެކަންކަން ކޮށްނުދީ ހުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެެެއެވެ.

ޝަރީފް މިހެން ވިދާޅުވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މި ބަހުސްގައި ޝަރީފް ވިދާޅުވީ ކަންކަން ގޯސް ވާހަކަ ދައްކާއިރު، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ މިންވަރާއި ފަތުރުވެރިން އައި މިންވަރު ވެސް އެވާހަަކަ ދައްކާ ފަރާތްތަކަށް ނޭނގެނީ ކަމަށެވެ.

“ކުރީ ސަރުކާރުތަކުން ސިއްހީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރިނަމަ، މިއަދު އެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ވާހަކަ ދައްކަން ނުޖެހުނީސް. ސިއްހީ ދާއިރާގެ ގިނަ ޚިދުމަތްތައް މި ސަރުކާރު ހަވާލުވީއިރު ހުރީ ގޯސްކޮށް.” ޝަރީފް ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ރައްޔިތުން ކޮވިޑްގެ ބަލިމަޑުކަމުން ހިމާޔަތް ކުރުމަށް ކުރި މަސައްކަތާއި އެކަމަށް ދިޔަ ޚަރަދުގެ ސަބަބުން އެހެން ދާއިރާތަކަށް އިންވެސްޓު ކުރަން ދަތިވި ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން އިގްތިސާދު ހީނަރުވިޔަސް ސަރުކާރުން ހޮސްޕިޓަލުތައް ބަންދު ނުކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ ޝުކުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.