English Edition
Dhivehi Edition

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފިއެވެ.

ޝީ ބިލްޑިންގ ގައި ބޭއްވި މި ޖަލްސާގައި އެ އެސޯސިއޭޝަންގެ ޗެއަރޕަރސަން އާމިނަތި ޝާއިނާ ޢަބްދުﷲ ވިދާޅުވީ ކޮވިޑްގެ އެންމެ ނުރައްކާތެރި ޙާލަތުގައިވެސް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) ގެ ކުދިންނަށް އެކި އެކި ގޮތްގުން އެހީތެރިކަން ފޯރު ކޮށްދިނުމަށް މަސައްކަތްތައް ކުރެވުނު ކަމަށެވެ.

މި އަހަރު ބޮޑަށް އަމާޒުކުރަނީ އެސްއޯއެމްގެ މެމްބަރުންނަށް ގިނަ ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި އަތޮޅުތެރޭގައި ތިބި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރެވިގެން ވީހާވެސް ގިނަ ބަޔަކަށް އެސްއޯއެމްގެ ޙަރަކާތްތައް ފުޅާކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ސަރުކާރުންނާއި އެކި މުއްސަސާތަކުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުން މި އެސޯސިއޭޝަނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރަން. އަދި އެސްއޯއެމްގެ އެތްލީޓުން ކުރައްވާ ބުރަ މަސައްކަތާއި ބެލެނިވެރިންގެ ހިތްވަރަށް އައްސަރިބަހުން ސާބަސްދެން. އަދި އެބޭފުޅުންގެ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރަން.” ޝާއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެސްއޯއެމްގެ ހީވާގި މުވައްޒަފުންނާއި ޕްރޮގްރާމްތައް ހިންގަވާ ބޭފުޅުންގެ މަސައްކަތްތައް ފާހަގަކުރައްވާ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިކަމުގައި ސާބިތުވެ ތިބުމަށް ޝާއިނާ ވަނީ އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި އެސްއޯއެމް ހިނގާ ދިޔަ ގޮތާއި ކުރެވުނު ޚަރަދުގެ ވަރަށް ތަފްޞީލީ ރިޕޯޓެއް ހުށަހަޅުއްވަމުން އެސްއޯއެމްގެ ސެކްރަޓަރީ ޖެނެރަލް އަދި ނެޝަނަލް ޑިރެކްޓަރ ފާޠިމަތު ފައިރޫޒާ އާދަމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް މިކުދިންގެ ކުޅިވަރުތައް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނި ތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން ކްލަބުތަކާވެސް މަޝްވަރާ ކުރަމުންދާކަމަށެވެ.

2022 ވަނަ އަހަރުގެ ކަލަންޑަރު ވެސް މި ޖަލްސާގައި އެސްއޯއެމްގެ މެންބަރުންނާ ޙިއްސާކޮށް ފާސްކޮށްފައިވާއިރު، މިއަހަރު ކުރުމަށް ރޭވައިފަވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޔުނިފައިޑް ރަންއަކާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުރެހުމުގެ މައުރަޒަކާއި އެސްއޯއެމްއިން ހިންގާ ފުޓުބޯޅަ, އެތްލެޓިކްސް, ފެތުން އަދި ބެޑްމިންޓަންގެ އިތުރަށް މުޅިން އަލަށް މިއަހަރު ބާސްކެޓް ބޯޅަ ތަޢާރަފްކޮށް ކުރުމަށް ނިންމާފައިވާކަން އެ ކަލަންޑަރުގައި ވަނީ ފާހަގަކޮށްފައެވެ. ބާސްކެޓް ބޯޅައިގެ ފަރުތަކުރުންތައް މި ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ނިންމާފައެވެ.

މި ޖަލްސާގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ ޚަޒާންދާރު އަދި ފެމިލީ ރެޕްރެޒެންޓޭޓިވްގެ މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރެވުނެވެ. އެގޮތުން ޚަޒާންދާރުގެ މަޤާމަށް މަމްދޫހާ ޢަލީ އަދި ފެމިލީ ރެޕްރެޒެންޓޭޓިވްގެ މަޤާމަށް ފާޠިމަތު ލިމްޔާ ވަނީ އިންތިޚާބުވެފައެވެ.

އެސްއޯއެމްގެ އަހަރީ އާއްމު ޖަލްސާ ގައި އެ އެސޯސިއޭޝަންގެ އާއްމު މެމްބަރުންނާއި ސްޕެޝަލް އޮލިމްޕިކްސްއަށް އެކި ކުޅިވަރު ދާއިރާތަކުން އައްޔަނުކޮށްފައިވާ އެމްބަސެޑަރސް އަދި އެކި ގޮތް ގޮތުން އެސްއޯއެމް އަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތައްވަނީ ބައިވެރިވެފައެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ އެކި އެކި ފުރުޞަތުތައް ތަނަވަސް ކޮށްދިނުމާއި އެފަރާތްތަކަށް ރާއްޖޭ އާއި ރާއްޖޭން ބޭރުން ކުޅިވަރުގެ ފުރުޞަޠުތައް ތަނަވަސް ކޮށްދިނުމަށް މަސައްކަތް ކުރުމަށް ސަރުކާރުން 2019 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ވަނީ 2019 ވަނަ އަހަރު ބޭއްވި ބައިނަލްއަޤްވާމީ ތިން މުބާރާތުގައި ބައިވެރިވެ، 1 ގޯލްޑް، 1 ސިލްވަރ އަދި 2 ބްރައުންޒް ހޯދައި ރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައެވެ.