English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

މިއަހަރުގެ ފެބްރުވަރީ މަހު 235 މައްސަލަ ވަނީ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ ފެބުރުވަރީ މަހު ރިޕޯޓުކޮށްފައިވާ ކަމަށާއި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުގެ މައްސަލަތައް ކަމަށެވެ. އެގޮތުން މި ބާވަތުގެ 28 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ބުންޏެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނިކައިގެ 23 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަށް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 23 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 4 މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއްވެސް ހުށަހެޅިފައިވާ ކަމަށް ބުންޏެވެ.

ހަމަމިއާއެކު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 58 މައްސަލަ ފެބުރުވަރީ މަހު ހުށަހަޅައިފައިވާ ކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 25 މައްސަލަ ކަމަށް ވެސް ބުންނެވެ.

މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 24 މައްސަލަ، މާލީ/އިޤްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 4 މައްސަލަ، ބިރުދެއްކުމުގެ 2 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ، ފާރަލުމުގެ 1 މައްސަލަ އަދި އިހުމާލުގެ މައްސަލައެއް ހިމެނޭ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.