English Edition
Dhivehi Edition

“ތިލަފަތުގެ ރަމްޒު”ގެ މީހުންނޭ ކިޔާ ބަޔަކު ސަރުކާރު ވައްޓާލަން ބޭނުންވިޔަސް، އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕޭން ޓީމަށް އިޝާރާތްކުރައްވައެވެ.

އިންތިގެ ކެމްޕޭނުގެ ސްލޯގަން “ތިލަފަތުގެ ރަމްޒު” އަށް ޢިޝާރަތް ކުރައްވާ ޝަރީފް އިތުރަށް ވިދާޅުވީ ރައްޔިތުން ބަނޑަށް ޖެހުނަސް ސަރުކާރު ވައްޓާލަން ބޭނުންވާ ބަޔަކު އެމްޑީޕީގެ ތެރޭގައި އެބަތިބި ކަމަށާއި އެއީ ތިލަފަތުގެ ރަމްޒުގެ މީހުންނޭ ކިޔާ ބަޔަކު ކަމަށެވެ.

ޝަރީފް ވިދާޅުވީ އައްޑޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބިމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބިން ހިއްކަވައިދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެކަމަށް ހުރަސްއަޅާ ވަޒީރަކު ހުރި ކަމުގައިވިޔަސް، އެ ވަޒީރަކު މަގާމުން ދުރުކޮށްގެން ވެސް އެ މަސައްކަތް ނިންމައިދެއްވުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ.