English Edition
Dhivehi Edition

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ނެދަރލޭންޑްސްގެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.

ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް ޑްރެޖިން އާ މި ބޮޑު މަޝްރޫޢު ޙަވާލުކޮށްފައިވަނީ އައްޑޫގައި މިއަދު ބޭއްވި ފޮލިސް އެކަޑަމީ ހުޅުވުމުގައި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ބިން ހިއްކުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޕްލޭނިންގ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޒީނާ އަހުމަދު ހަމީދެވެ. ވެން އޫޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޑްރެޖިން ކޮނީލިއަސް އެޑްރިއާންޑް ޑިބްރީން އެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫގައި 194 ހެކްޓަރުގެ ބިން ހިއްކާ، ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ނިންމާފައެވެ. 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކުރިއަށް ގެންދާ މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެގްޒިން ބޭންކްގެ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއު ހަވާލުކުރި ވެން އޫޑް އަކީ ބިން ހިއްކުމުގެ ދާއިރާ އިން 150 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.