English Edition
Dhivehi Edition

އިންޑިޔާގެ ‘ނެއިބަރހުޑް ފަރސްޓް ޕޮލިސީ’ގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

އެމަނިކުފާނު ޝުކުރުއަދާ ކުރެއްވީ އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަން ޖަޔަޝަންކަރު، ރައީސް ސާލިހުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ވިލެޖުގައި މިއަދު ހެނދުނު ބޭއްވި މި ޒިޔާރަތުގައި އެ ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަ ކުރައްވައި، ދެ ޤައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި ދެ ޤައުމަށް ވެސް ފައިދާވާނެހެން ބައިނަލްއަޤުވާމީ މައިދާނުގައި މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސްކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ޤައުމަކީ އިންޑިޔާކަން ފާހަގަކުރައްވައި، އިންޑިޔާގެ ‘ނެއިބަރހުޑް ފަރސްޓް ޕޮލިސީ’ގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖެއިން ‘އިންޑިޔާ ފަރސްޓް’ ޕޮލިސީ ނަގަހައްޓާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންޑިޔާ އާއެކު އޮތް ގާތް ގުޅުން ވަރުދަގަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ދެޤައުމުން ވެސް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުންނާއި، ދެ ޤައުމުގެ ފަތުރުވެރިކަމާއި، އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، މީހުން ބިނާކުރުމުގެ ދާއިރާއާއި، ސަރަޙައްދީ ރައްކާތެރިކަން ޤާއިމްކުރުމާއި، ބައިނަލްއަޤްވާމީ ކަންކަމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެޤައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ މުހިންމު ރަމްޒެއްކަމުގައި ވިދާޅުވެފައެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަން ޖަޔަޝަންކަރު މިހާރު އައްޑޫ ސިޓިއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައި، ރާއްޖެއާއި އިންޑިޔާއާ އެކު ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި އިންޑިޔާއާ ދެޤައުމުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައެވެ. އަދި، އިންޑިޔާއަކީ 1965 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.