އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގެންނެވުމުން އައްޑު ގަމުގެ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ. އަދި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ އެކި ދާއިރާތަކުގެ މެމްބަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަނީ މަރުޙަބާ ދެންނެވުމަށް އެއަރޕޯޓަށް ވަޑައިގެންފައެވެ.
އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއެކު މަޝްވަރާތައް ބާއްވަވައި، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ. އަދި ދެޤައުމުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގަމުންދާ ދެޤައުމާ ގުޅުން ހުރި އެކި ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.
މަޝްވަރާތަކަށްފަހު، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ޤާއިމްކުރެވޭ އެއްބަސްވުމުގައި ސޮއިކުރެވޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ދެ ވަޒީރުން މި ނެޓްވޯކް ލޯންޗްކޮށްދެއްވާނެއެވެ. އަދި ދެޤައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ޤައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމުގައި ވެސް ސޮއިކުރެވޭނެއެވެ.
ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި، އިންޑިއާގެ އެހީގައި އައްޑޫގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ހުޅުމީދޫގައި އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ އެހީގައި ޤާއިމްކޮށްފައިވާ ރީހެބިލިޓޭޝަން ސެންޓަރާއި ޓޫރިޒަމް ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައާއި، އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އިފްތިތިޙްކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އައްޑުގެ ބިން ހިއްކުމުގެ މަޝްރޫޢު ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވެސް މާދަމާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ހަމައެއާއެކު އިންޑިއާގެ އެހީގައި ޤާއިމްކޮށްފައިވާ އެކްސްޕޭންޑަޑް ކޯސްޓަލް ރޭޑަރ ސިސްޓަމްވެސް އިފްތިތާޙްކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
📷 | Minister of External Affairs of India @DrSJaishankar arrives in Addu City, Maldives on an Official Visit. Received by Foreign Minister @abdulla_shahid. pic.twitter.com/GYVwcwjDlu
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 26, 2022
މިއީ ޑރ. ޖައިޝަންކަރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ ހައިޘިއްޔަތުން ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އަދި އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޑރ ޖައިޝަންކަރު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.