English Edition
Dhivehi Edition

ދެކުނު އެމެރިކާ ބައްރުގެ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ވެނެޒުއެލާ އާއި ދެކޮޅަށް އާޖެންޓީނާއިން ކުޅުނު މެޗު ފަސޭހަކަމާއި އެކު އާޖެންޓީނާއިން ކާމިޔާބު ކޮށްފިއެވެ.

އާޖެންޓީނާގެ ލަބޮމްބޮނޭރާ ސްޓޭޑިއަމުގައި ރޭ ފަތިހު ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.

އާޖެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު އާޖެންޓީނާއިން ނެގީ މެޗުގެ 34 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒަލޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ހޮންޒަލޭޒް މި ލަނޑު ކާމިޔާބު ކުރީ ޑީޕޯލް ދިން ބޯޅައަކުންނެވެ.

އާޖެންޓީނާއިން މި މެޗުގައި ޖެހި ފަހު ދެ ލަނޑު ފެނިގެން ދިޔައީ މެޗުގެ ފަހު ހާފުގައެވެ. އެގޮތުން މި މެޗުގައި އާޖެންޓީނާއިން ޖެހި ދެވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޑިޕޯލްގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ އެންހެލް ޑިމަރިއާ އެވެ. އަދި އާޖެންޓީނާގެ ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޑިމަރިއާ ދިން ޕާހަކުން ކާމިޔާބު ކޮށްދިނީ ލިއޮނެލް މެސީއެވެ. މިއީ މެސީ ވޯލްޑްކަޕް ކޮލިފައިންގައި ކާމިޔާބު ކުރި 27 ވަނަ ގޯލެވެ.

މި މޮޅާއި އެކު ކޮލިފައިން ގުރޫޕުގެ ދެވަނާގައި އާޖެންޓީނާ އޮތީ ކުޅުނު 16 މެޗުން ލިބުނު 38 ޕޮއިންޓާއި އެކުގައެވެ. މާކުރިންވެސް ވޯލްޑްކަޕުން ޖާގަ ހޯދާފައިވާ އާޖެންތީނާ އެޓީމު ކޮލިފައިންގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެޓީމަށް ކޮލިފައިންގައި އަދި ބާކީ އެއް މެޗު އެބައޮތެވެ. އެއީ މިމަހުގެ 30 ވަނަ ދުވަހު އެކުއެޑޯއާއި ދެކޮޅަށް ކުޅޭ މެޗެވެ.

ކޮލިފައިން ގުރޫޕުގެ އެއްވަނާގައި ކުޅުނު 16 މެޗުން ލިބުނު 42 ޕޮއިންޓާއި އެކު އޮތީ ބްރެޒިލްއެވެ. އެޓީމުވެސް މިހާތަނަށް ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނެތެވެ.