English Edition
Dhivehi Edition
އިމާދުއްދީން ސްކޫލްގެ ދަރިވަރުންތަކެއް - ފޮޓޯ: ޓްވިޓާ (އިމާދުއްދީން ސްކޫލް)

މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ސަރކިއުލަރ އެއްގައި ވަނީ އެއް ދަންފަޅީގެ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30 ން 9:00 އާ ދޭތެރޭގައި ފަށައި އަދި ދެ ދަންފަޅީގެ ސްކޫލުތަކުގެ ގަޑިތައް ހެނދުނު 8:30 އާއި މެންދުރު ފަހު 3:00 އާ ދެމެދު ހަމަޖެއްސުމަށް އަންގާފައެވެ.

މީގެ އިތުރުން އެލްކޭޖީ އާއި ޔޫކޭޖީގައި ކިޔަވާ ކުދިންނަށް ކިޔަވައިދޭނީ 1 ގަޑި އިރާއި 30 މިނެޓު ކަމަށާއި ގްރޭޑު 1-6 ގެ ކުދިންނަށް ދެ ގަޑި އިރާއި 30 މިނެޓު ކަމަށް ވެސް އެ މިނިސްޓްރީގެ ސަރކިއުލަރ ގައި ބުނެފައިވެއެވެ. އަދި ގްރޭޑު ހަތަކުން މަތީގެ ކުދިންނަށް ކިޔަވައިދޭނީ ތިން ގަޑިއިރަށް ކަމަށް ވެސް ބުނެފައިވެއެވެ.

މާއްދާތައް ނަގައިދޭ ދިގުމިން 30 މިނެޓާއި 45 މިނެޓަށް ފެއްތުމަށް އެދިފައިވާ އިރު، އެންމެ ގިނަވެގެން ހަތަރު ގަޑިއިރަށް ވުރެ ޓީޗަރުންގެ މަސައްކަތު ގަޑި އިތުރު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ. އެއީ ރަމަޟާން މަހު ޓީޗަރުންނަށް ވެސް ލުއި ދިނުމުގެ ގޮތުންނެވެ.

މީގެ އިތުރުން މަޣްރިބު ނަމާދުން ފެށިގެން ތަރާވީހު ނަމާދު ނިމެންދެން ސްކޫލުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާފައިވާއިރު، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ރޭގަނޑު ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00 އިން 10:30 އާ ދެމެދު ރޭވުމަށް ވެސް އަންގާފައިވެއެވެ.