ނަމާދަކީ ހިތަށް ހިތްހަމަޖެހުން ލިބި، ކަންބޮޑުވުމާއި ހާސްވުން ފަދަ ކަންކަމުން ސަލާމަތްކޮށްދޭ އަޅުކަމެއް ކަމަށާއި ނަމާދަކީ އޭގެ ސަބަބުން އަހަރެމެންގެ ފާފަތައް ﷲތަޢާލާ ފުއްސަވައިދެއްވާނޭ ކަމެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދުމަކޮށްދީފިއެވެ.
“ނަމާދަކީ ދީނުގެ ތަނބެވެ.” މި މަޢުޟޫއަށް ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ބުނީ ނަމާދަކީ އިސްލާމް ދީން އެ އެއްޗެއްގެ މައްޗަށް ބިނާވެގެންވާ ދީނުގެ ތަނބު ކަމަށާއި އަޅާއާއި ކާފިރިކަމާ ދެމެދުވާ ހުރަސް ކަމަށެވެ. އަދި އެ ދޫކޮށްފި މީހާ (ނަމާދު އަޅައިފި މީހާ) ދީން މުގުރާލައިފި ކަމަށް ވެސް ބުނެފައިވެއެވެ.
ރެއާއިދުވާލު ފަސް ފަހަރު ތަކުރާރުވާގޮތަށް ފަރުޟު ކުރެވިގެންވާ އަޅުކަމެއް ކަމަށާއި އެ ނަމާދާއިމެދު ވާރިދުވެގެން އައިސްފައިވާ އަޘަރުތަކާމެދުގައާއި ނަމާދުގެ ޤަދަރާމެދު ގިނަ މީހުން ވަނީ ޣާފިލުވެފައި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
“މުސްލިމް އަޚުންނޭވެ! ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތެވެ. މިއަދު އަހަރެމެންނަށް ފެންނަނީ، މިއާ ޚިލާފު މަންޒަރެކެވެ. މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަނެވެ. އެފަދަމީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށެވެ. ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ޤަޝާ ކުރާނަމޭ ބުނަމުންނެވެ. ހަމައެއާއެކު، އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާއަށް ލިބުނު ޢުޛުރެއް ކަމަށް ދެކިގެންނެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. މިގޮތަށް ޤަޟާ ކުރުމަށް ނިޔަތްގަނެގެން
ވެސް، ނަމާދު އެޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.” ޚުތުބާގައި ބުންޏެވެ.