English Edition
Dhivehi Edition

ޕޯޗުގަލްގެ އެންމެ ބޮޑު އަމާޒަކީ މިއަހަރު ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިވުން ކަމަށް ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑީ ބުނެފިއެވެ.

އިންސްޓަ ގްރާމުގައި ކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނެފައިވަނީ ޕޯޗުގަލްގެ އަމާޒު ހުރީ ސީދާ ވޯލްޑްކަޕާއި ދިމާއަށް ކަމަށާއި އެކަން ހާސިލް ކުރުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވެސް އެންމެ ބޮޑު އުންމީދު ކަމަށެވެ. އަދި ޕޯޗުގަލް ގަތަރުގައި އޮންނަ ވޯލްޑްކަޕުން ފެނިގެން ދިއުމަކީ ގައުމަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށާއި އެކަން ހާސިލް ކުރުމަށް ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވުމަށް ޓީމުގެ ކުޅުންތެރިން ރިބީ ތައްޔާރަށް ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ އިތުރަށް ބުނީ ޕްލޭއޮފް ކުޅެން ޖެހިފައިވަނީ ވަރަށް ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކަމަށާއި އެޓީމުތައް ބަލިކުރުމަކީ އުނދަގޫ މަސައްކަތަކަށް ވާނެ ކަމަށެވެ. އެހެން ނަމަވެސް ކުޅޭނީ ހުރިހާ މެޗަކުން ވެސް މޮޅުވެ ވޯލްޑްކަޕުން ޖާގައެއް ހޯދުމުގެ އަޒުމުގައި ކަމަށް ރޮނާލްޑޯ ބުންޏެވެ.

” އަހަރެމެންގެ އެންމެ ބޮޑު އަމާޒަކީ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުން. އެވިސްނުން މިހާރު ހުރީ. ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވެސް އަޒުމަކީ އެއީ. އަހަރެމެންނަށް އެނގޭ ޕްލޭއޮފް މެޗު ފަސޭހަ ނުވާނެކަން. އެއީ ޕްލޭއޮފް ކުޅެން ޖެހިފައިވަނީ ވަރުގަދަ ޓީމުތަކަކާއި ދެކޮޅަށް. ނަމަވެސް މަސައްކަތް ކުރާނީ މޮޅުވާން.” ރޮނާލްޑޯގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެއެވެ.

މިއީ ޕޯޗުގަލް ވޯލްޑްކަޕަށް ކޮލިފައި ވުމަށް ޕްލޭއޮފް ކުޅެން ޖެނުނު ތިންވަނަ މުބާރާތެވެ. މީގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތާއި 2014 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތައް ޕޯޗުގަލް ކޮލިފައިވެފައިވަނީ ޕްލޭއޮފް ކުޅެގެންނެވެ.

ޕޯޗުގަލްގެ ފީފާ ވޯލްޑްކަޕް ރެކޯޑުތަކަށް ބަލާއިރު، އެ ގައުމަކީ ވޯލްޑްކަޕް ތާރީޚުގައި މިހާތަނަށް މާބޮޑު ކާމިޔާބީއެއް ހޯދިފައިވާ ގައުމެއް ނޫނެވެ. 1930 ވަނަ އަހަރުން ފެށިގެން ޤަވައިދުން ބާއްވަމުން އަންނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އެގައުމު މިހާތަނަށް 7 ފަހަރު ކޮލިފައި ވެފައިވާއިރު، ސެމީ އަށް ދަތުރު ކުރެވުނީ އެންމެ ދެ ފަހަރަކުއެވެ. އެއީ 1966 ވަނަ އަހަރާއި 2006 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. އޭގެ ފަހުން ޕޯޗުގަލް އަށް އެންމެ ދުރަށްވެސް ދަތުރުކުރެވިފައިވަނީ މުބާރާތުގެ ދެވަނަ ބުރާއި ހަމަށެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު މުބާރާތުގައި ވެސް އެޓީމަށް އާދެވުނީ ދެވަނަ ބުރާއި ހަމައިންނެވެ.