English Edition
Dhivehi Edition
ފޮޓޯ: ގާފު އޮންލައިން

ގދ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ބާއްވާ ހޭންޑްބޯލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެރަށު ޑަބްލިއުޑީސީން ބުނެފައިވަނީ މި މުބާރާތަކީ ތިނަދޫގައި ދިރިއުޅޭ ކަނބަލުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން ވަރުގަދަކޮށް ކުރިވަރުގެ ފޯރިޔާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ “ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް” ގެ ނަމުގައެވެ.

މި މުބާރާތް ކުރިޔަށް ގެންދާނީ ތިނަދޫގައި މިވަގުތު ރަޖިސްޓްރީ ކުރެވިގެން ކުރިޔަށްދާ ކްލަބް ޖަމިއްޔާތަކުގެ ތެރެއިން މުބާރާތް ހިންގުމަށް އެންމެ ޝައުގުވެރިވެލައްވާ ކްލަބް ޖަމިއްޔާއަކާ ހަވާލުކުރެވިގެން އެރަށު އިޖްތިމާއީ މަރުކަޒާ ގުޅިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

މިގޮތުން މި މުބާރާތް ހިންގުމަށް ޝައުގުވެރިވެލައްވާ ކްލަބް ޖަމިއްޔާތަކަށް ބިޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބިޑުގައި ރަޖްިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެކޮމެޓީގެ މެއިލް [email protected] އަށް ބައިވެރިވުމުގެ ރިކުއެސްޓް ފޮނުއްވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

މުބާރާތުގެ ބިޑު މައުލޫމާތު ސެޝަން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެކެމެޓީގެ އޮފީހުގައި ކަމަށާއި މި ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑަިއގެންނެވޭނީ ރަޖިސްޓްރީ ކުރައްވާ ޖަމިއްޔާތަކާއި ކްލަބްތަކަށް ކަމަށް ވަނީ ބުނެފައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އެކޮމެޓީގެ އޮފީހުގައި ކަމަށް ވެސް ބުންޏެވެ.

މި މުބާރާތަކީ ކޮމެޓީގެ އައު ދައުރުގައި ބާއްވާ މިފަދަ ފުރަތަމަ ކުޅިވަރު މުބާރާތެވެ.

މި މުބާރާތް އެންމެ ފުރަތަމަ ކުރިޔަށް ގެންގޮސްފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި މިއަހަރުގެ މުބާރާތް ވެގެންދާނީ އެކޮމެޓީން ބާއްވާ 4 ވަނަ މުބާރާތަށެވެ.