English Edition
Dhivehi Edition

ކުރެވޭ ކުއްފާފަތަށް ފޮހެލާ ނަފުސު ތާހިރު ކޮށްލަން ހަމަ ކޮންމެ މުސްލިމް އަޚަކާއި އުޚުތަކު ބޭނުންވާނެ ކަމީ ކަށަވަރުވެ ޔަގީންވާކަމެކެވެ. އެހެންކަމުން އެފަދަ ފުރުސަތެއް ލިބުމަކީ ހަމަ ކޮންމެ އަޚަކާއި އުޚުތަކުވެސް ނުހަނު ބޭނުންވާނޭ ކަމެކެވެ.

ޝައްހެއް ނެތް ގޮތުގައި ބަރަކާތުން ފުރިގެންވާ ރަމަޟާން މަހަކީ އަޅުގަނޑުމެންނާއި ބައްދަލުވާ އެފަދަ މާތް މައްސަރެކެވެ. މުޅި އަހަރު ދުވަހުގައި ކުރެވިފައިވާ ކުއްފާފަތަކުގެ ކުނި މިލަ ފިލުވާލަން ލިބޭ ރަނުގެ ފުރުސަތަކަށް ރަމަޟާން މަސް ފުދެއެވެ. އެހެން ކަމުން މި މަހާއި ބައްދަލުކުރުމަށް ދާދި ކުޑަތަން ވެގެން އަންނަ އިރު، އެކަމާއި އުފާކޮށް މި މަހަށް އިންރިޒޜު ކުރަމުން ދާ ބަޔަޔަކު ތިބޭނެ ކަމީ ހަމަ ގައިމު ކަމެކެކެވެ.

ރަޙްމަތުން ފުރިގެންވާ ފުއްސެވުމާއި ދިންނެވުމުގެ މައްސަރު ކަމުގައިވާ ބަރަކާތްތެރި ރަމަޟާން މަހަކީ ނަރަކައިން ދިންނެވުމުގެ މައްސަރެވެ. އެހެންކަމުން މި މައްސަރު ލިބުމުގެ ހެޔޮތަޢުފީޤު ލިބޭ މީހާ މި މައްސަރަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ. އެގޮތުން މި މައްސަރަު އައުމުގެ ކުރިން ނަޞޫޙު ތަޢުވާއަކުން ތަޢުބާ ވުމާއި ކުރީއަހަރު ރަމަޟާން މަހުގައި ނުހިފި ހުރި ރޯދަތައް ޤަޟާކުރުމާއި، މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ މީހާ އެކަން އަދާކޮށްދިނުން ފަދަ ކަންކަން ލަސްނުވެ ކުރަން ޖެހެއެވެ.

މި ދެންނެވި ހުރިހާ ކަމަކުން ތާހިރުވެ ރަމަޟާން މަހާއި ކުރިމަތި ލައިފި މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ. އަދި އެންމެ އެކަށޭނެ ގޮތުގައި ރަމަޟާން މަހާއި ކުރިމަތި ނުލެވޭ މީހާއަށް އެމަހުގެ ބަރަކާތާއި ސަވާބުން މަޙުރޫމް ވުމަކީ ވެސް ގާތްކަމެކެވެ.

ރަމަޟާން މަސް އެމީހަކަށް ޝަފާޢަތްތެރިވި މީހާއަށް ބާއްޖަވެރިކަން ހުށްޓެވެ. ޤުރްއާން އެމީހަކަށް ޝަފާޢަތްތެރިވި މީހާއަށް ބާއްޖަވެރިކަން ހުށްޓެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ((الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ يَقُولُ الصِّيَامُ أَيْ رَبِّ مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ فَشَفِّعْنِي فِيهِ وَيَقُولُ الْقُرْآنُ مَنَعْتُهُ النَّوْمَ بِاللَّيْلِ فَشَفِّعْنِي فِيهِ قَالَ فَيُشَفَّعَانِ)) [2] މާނައީ : ޤިޔާމަތް ދުވަހު އަޅާއަށް ރޯދައާއި ޤުރްއާން ޝަފާޢަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެތެވެ. މިއަޅާގެ ވެރި ރަސްކަލާކޮ! މި އަޅާ އޭނާއަށް ދުވާލުގެ ވަގުތުތަކުގައި ކެއުމާއި ބުއިމާއި ޝަހަވާތްތައް މަނާކުރީމުއެވެ. ފަހެ އެކަމުގައި މި އަޅާއަށް ޝަފާޢަތް ލައްވާނދޭވެ! ޤުރްއާން ދަންނަވާނެތެވެ. މި އަޅާ އޭނާ ރޭގަނޑުގެ ނިދިން މަޙްރޫމު ކުރީމެވެ. ފަހެ އެކަމުގައި މި އަޅާއަށް ޝަފާޢަތް ލައްވާންދޭވެ! ﷲ ވަޙީ ކުރައްވާނެއެވެ. ފަހެ ، ތިޔަ ދެ އަޅުންނަށް ޝަފާޢަތް ލައްވައިފީމެވެ. ”

ރަމަޟާން މަހަކީ ﷲގެ ޙަޟްރަތަށް ކުރިމަތިލުމަށްޓަކައި މުސްލިމުންނަށް ލިބިގެންވާ ހެޔޮކަމުގެ މޫސުމެކެވެ. އެއީ ތަޤްވާވެރިންނަށް ލިބިގެންވާ ފޯވައްސެކެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަސް މުސްލިމުންގެ ގާތަށް އަންނަނީ ހެޔޮ ޢަމަލުތައް އިތުރު ކޮށްދިނުމަށެވެ. ނުބައި ޢަމަލުތައް މަދުކޮށްދިނުމަށެވެ. އެމަހުގައި ހެޔޮކަމުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. ސުވަރުގެ ވަނީ އެތާނގެ ދޮރުތައް ހުޅުވައިލައިފައެވެ. ނަރަކަ ވަނީ އެތާނގެ ދޮރުތައް ބަންދުކޮށްފައެވެ.ޝައިޠާނުން ވަނީ ކަސްތޮޅު އެޅުވި ބަންދު ކުރެވިފައެވެ. މި ފުރްޞަތުގެ ބޭނުން ކުރި މީހާގެ ބާއްޖަވެރިކަމާއެވެ! މި ފުރްޞަތު ނަގައިލިމީހާގެ އަބާއްޖަވެރިކަމާއެވެ! މިހެންވެ ކީރިތި ރަސޫލާ r ޙަދީޘް ކުރައްވަނީ ރަމަޟާން މަހުގެ ފުރަތަމަ ރޭ ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ((يَا بَاغِيَ الْخَيْرِ أَقْبِلْ ، وَيَا بَاغِيَ الشَّرِّ أَقْصِرْ)) [3] މާނައީ : އޭ ހެޔޮ ކަންތަކަށް އެދޭ މީހާއެވެ! ކުރިމަތިލާށެވެ! އޭ ނުބައި ކަންތަކަށް އެދޭ މީހާއެވެ! ފުރަގަސްދޭށެވެ! “